ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑު ބަދަލު ކުރުމަށް މި މަހު ޚާއްޞަ އާންމު ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

މި މަހުގެ 25 ވާ ހޯމަ ދުވަހު ރޭ 09:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާގައި ބައިވެރިވުމުގެ ދަޢުވަތު އެ ކުންފުނީގެ ހުރިހާ ހިއްސާދާރުންނަށް މިހާރު ވަނީ ފޮނުވާފައެވެ.
އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން އައްޔަންކުރުމަށް ނިންމާފައި ވަނީ ޙަސަން ޒަރީރު، ހުޅުމާލެ، ފްލެޓު ނަންބަރު ބީ-1-3ސީ އަދި ޢަލީ ފާރިސް މުޙައްމަދު، ގ. ސިނަމާލެ 3-04-35، ކ. މާލެ ކަމަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލް ބޯޑުގެ ޖުމްލަ 11 މެންބަރުން ތިއްބަވާއިރު، އޭގެ ތެރެއިން އަށް މެންބަރުންނަކީ ސަރުކާރު ތަމްސީލު ކުރައްވާ މެންބަރުންނެވެ. އަނެއް ތިން މެންބަރުންނަކީ އާންމު ހިއްސާދާރުންގެ ފަރާތުން ތިއްބަވާ މެންބަރުންނެވެ.
ބީއެމްއެލްގެ އާންމު ޖަލްސާ ބާއްވަން ނިންމާފައި ވަނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ އޮންލައިން މީޓިން މެނޭޖްމަންޓް ސިސްޓަމް “ފަހިވޯޓު” މެދުވެރިކޮށެވެ. މި ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ހިއްސާދާރުންނަށެވެ. ޖަލްސާގެ އެޖެންޑާގައި 40 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކުރަން ވަނީ ހިމަނާފައެވެ.
މި ޖަލްސާގައި ބައިވެރިވާން ޕްރީ-ރަޖިސްޓްރީ ކުރަން ޖެހޭއިރު، ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މި މަހުގެ 23 ވާ ހޮނިހިރު ދުވަހުގެ ރޭ 09:00 ގެ ކުރިން ޕްރީ-ރަޖިސްޓްރީ ކުރަން ޖެހެއެވެ. އެމްއެސްޑީގެ އޮންލައިން ސިސްޓަމް “އިންފިނިޓީ” މެދުވެރިކޮށް ނުވަތަ ޖަލްސާގައި ރަޖިސްޓަރީ ކުރަން އެދޭ ފޯމު ބޭންކުގެ mv.com.bml@corporateaffairs އަށް އީމެއިލްކޮށްގެން މި ޖަލްސާގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ބީއެމްއެލުން ވަނީ ހުޅުވާލާފައެވެ.