ދިއްގަރުގައި 75 ހައުސިންގ ޔުނިޓު ގާއިމުކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ދިއްގަރު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބަނދަރާ ގުޅިގެން ކުރަން ހުރި ކަންކަމާއި ހިއްކާފައިވާ ބިމުގައި ފެނާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ގާއިމުކުރުމާއި ރަށުގެ މަގުތައް ހެދުމާ އަދި އެނޫންވެސް ރަށުގެ ތަރައްޤީއަށް ކުރަން ހުރި ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވާނެ ކަމަށެވެ. މި ސަރުކާރުން މިދިޔަ ދުވަސްތަކުގައި ކުރަމުން ދިޔަ މަސައްކަތްތަކަކީ އިޤުތިޞާދުގައި ހުރި މައްސަލަތައް ހައްލުކޮށް، އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދުމުގެ މަސައްކަތް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވެފައި ވަނީ ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް މުއްސަނދިކަން ހޯދޭނެ ގޮތްތައް ފަހިކޮށްދިނުން ކަމަށެވެ. އެގޮތުން އިޤުތިޞާދީ މަންފާ ލިބޭ ގޮތަށް ކައުންސިލުގެ އިހްތިޞާސްގައި އޮންނަ ރަށެއް ނުވަތަ އިހްތިޞާސްގައި ނުހިމެނޭ ރަށެއް ވިޔަސް ކައުންސިލަށް ލިބުމަށް މަގުފަހިވާ ގޮތަށް ނިންމެވި ނިންމެވުމަކީ އެ ބޭނުމުގައި ނިންމެވި ނިންމެވުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެގޮތަށް ރަށްތަކަށް އެދުމަށް ހުޅުވާލާފައިވާ ލިސްޓުގައި އިތުރު ރަށްތައް ހިމަނުއްވަމުން ގެންދަވާނެ ކަމުގައެވެ. އަދި އެގޮތަށް ރަށްރަށް ދޫކުރުމަށް މިހާރު ގެޒެޓުކޮށްފައިވާ މުއްދަތު 10 އަހަރުން 25 އަހަރަށް އިތުރުކުރުމަށް ނިންމަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަނީ މި ބަދަލާ އެކު އެފަދަ ރަށްރަށުގައި އެކި ދާއިރާތަކުން ވިޔަފާރިތައް ހިންގުމަށް ރަނގަޅު ފުރުޞަތުތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.













