ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މި އަހަރު ރާއްޖެއިން ފުރި ހުރިހާ ޙާޖީން ޢަރަފާތު ބިމަށް ޖަމާވެފައިވާ ކަމަށް މޯލްޑިވްސް ޙައްޖު މިޝަންއިން އިން ބުނެފިއެވެ.
ދިވެހި ޙާޖީން ޢަރަފާތަށް ދިއުމަށް ދަތުރު ފަށާފައިވަނީ ސަޢުދީ ގަޑިން ރޭ 21:00 ގައެވެ. ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ޙާޖީންނާ ގުޅޭ އެންމެފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިނާގެ ހޮސްޕިޓަލުގައި ރޭގެ ވަގުތެއްގައި އެޑްމިޓްކުރި ޙާޖީ ވެސް ޙައްޖު ކޯޕަރޭޝަނުގެ އެހީތެރިކަމާއެކު މިހާރު ޢަރަފާތަށް ގެންގޮސްފައިވާ ކަމަށެވެ.
”ﷲ ގެ ހެޔޮ ރަހްމަތްފުޅުން އެންމެހައި ދިވެހި ޙާޖީންގެ ހާލު ރަނގަޅު. މިހާރު އެންމެހައި ހާޖީން ވަނީ ޢަރަފާތުގަ. މިނާ ހޮސްޕިޓަލުގައި ރޭގެ ވަގުތެއްގައި އެޑްމިޓްކުރި ހާޖީގެ ހާލު ވެސް މިހާރު ރަނގަޅު. ޙައްޖު ކޯޕަރޭޝަނުން ވަނީ މިއަދު އޭނާ ވެސް ޢަރަފާތަށް ގެންގޮސްފަ،“ – މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މިއަދަކީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މުސްލިމުން ޢަރަފާތު ބިމަށް ޖަމާވެ، ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމަށްވާ ޢަރަފާތު ދުވަހުގެ އަޅުކަން ފުރިހަމަކުރާ ބަރަކާތްތެރި ދުވަހެވެ. ޢަރަފާތު ދުވަހުގެ އަޅުކަމަށްފަހު ހުރިހާ ޙާޖީން ވެސް މިރޭ މުޒްދަލިފާއަށް ނުކުންނާނެއެވެ.
މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން 1،000 މީހުން ސަޢުދީއަށް ގޮސްފައިވާއިރު، ހައްޖު ކޯޕަރޭޝަނުން ބުނެފައިވަނީ، ދިވެހި ޙާޖީން 22 ދުވަހު ސަޢުދީގައި މަޑުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޙައްޖުގެ އަޅުކަން ނިންމުމަށްފަހު ދިވެހި ޙާޖީން އެނބުރި ރާއްޖެ އައުމަށް ފުރާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެންނެވެ.












