ޙައްޖު ދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހާއްސަ މެސެޖެއް ފޮނުއްވައިފިއެވެ.
ޙައްޖު ދުވަހުގެ މުނާސަބަތާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް މުޢިއްޒު މި ބަރަކާތްތެރި ދުވަސް ސިފަކުރައްވާފައިވަނީ، ރަހްމަތާއި ބަރަކާތާއި ބާއްޖަވެރިކަމާއި ރުއްސެވުމާއި ފުއްސެވުމުގެ ދުވަހެއްގެ ގޮތުގައެވެ. އެމަނިކުފާނުގެ މެސެޖު ފައްޓަވާފައިވަނީ ތަލްބިޔާގެ މާތް ބަސްތަކުންނެވެ.
އަދި މި ބަރަކާތްތެރި ދުވަހުގެ ހެޔޮ ދަރުމައާއި ސަވާބު އެންމެހައި ދިވެހި ރައްޔިތުންނަށް ދެއްވުމަށް އެދިވަޑައިގެން ރައީސް ވަނީ ދުއާ ކުރައްވައިފައެވެ.
ޙައްޖު ދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މީސް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވަނީ ދިވެހި ޙައްޖާޖީންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގެންފައިވެއެވެ. އަދި ދިވެހި ކޮންމެ އަހަކާއި އުހްތަކަށް، އަދި މުޅި އިސްލާމީ އުންމަތަށް މި ބަރަކާތްތެރި ޙައްޖު ދުވަހުގެ އަޖުރާއި ރަހްމަތް އެންމެ ހެޔޮގޮތުގައި ދެއްވުން އެދިވަޑައިގެން އެކަމަނާ ވަނީ ދުއާ ކުރައްވައިފައެވެ.













