ހުޅުމާލެ ފޭސް 1 ގައި ބަނގުރާ ވިއްކައި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ. އެއީ އެމްޑީ ބިލާލް މިއާ (34އ) އާއި، އެމްޑީ ޓެންވާ ރަޙްމާން އެންޓޯ (20އ) އެެވެ. މި ދެމީހުން އަތުލައިގަނެފައިވަނީ ހުޅުމާލެ ފެރީޓާމިނަލް ކައިރިންނެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ދެމީހުން އަތުލައިގަނެފައިވަނީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔަވަގުތު، އެމީހުންގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރޭގައެވެ. މިގޮތުން އެމީހުން ބަލައިފާސްކުރިއިރު، އެ މީހުން ގެންގުޅުނު ދަބަސްތަކުގެ ތެރެއިން 22 ފުޅި ބަނގުރާ ފެނިފައިވެއެވެ.
މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ބަނގުރާ ވިޔަފާރިކުރި ކަމަށް ތުހުމަތުކުރެވޭ މި ދެމީހުން މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ކުށްތަކަށް އަރައިގަންނަ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމުގެ މަސައްކަތް ސަރުކާރުން ވަނީ ވަރުގަދަކޮށްފައެވެ.













