ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނަގައި، މި އަހަރު ނިމުމުގެ ކުރިން އެމަނިކުފާނު ވެރިކަމުން ދުރުކުރާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދުގެ ކެމްޕޭން އިފްތިތާހުކުރުމަށް ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލިސް ތެރެއިން ނެގުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދެއްވާނެ ކަމަށެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ރައްޔިތުންނަށް އަވާމެންދުރު ދައްކަން ބޭނުންހާ ވާހަކައެއް ދައްކައިގެން ހޯދޭނެ އެއްވެސް ކާމިޔާބެއް އެމްޑީޕީއަކަށް ނެތް ކަމަށެވެ. ރައްޔިތުން ތިބީ އެމްޑީޕީއާ އެކުގައި ނޫންކަން ފާހަގަކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވީ، ރައްޔިތުން ތިބީ މި ސަރުކާރާއި ރައީސް މުޢިއްޒުއާ އެކުގައި ކަމަށެވެ.
”އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވަނީ. ނަނާ ހުވަފެން ނުދައްކަވާށޭ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތިބޭފުޅުންނަކަށް ނުނެންގެވޭނެ. އެކަން ކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން. ރައްޔިތުން ހައްލަން ރައްޔިތުން ވާވައްދަން ރައްޔިތުންނަށް އަވާމެންދުރު ދައްކަން ބޭނުންހާ ވާހަކައެއް ދައްކައިގެން ހޯދޭނެ ކާމިޔާބެއް ކުރިއެރުމެއް ތިބޭފުޅުންނަކަށް ނޯންނާނެ. ރައްޔިތުން ތިބީ ތިބޭފުޅުންނާ އެކީގައެއް ނޫން. ރައްޔިތުން ތިބީ ޑރ. މުޢިއްޒާ އެކީގަ. މި ސަރުކާރާ އެކީގަ. ޕީއެންސީއާ އެކީގަ،“ – ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް ހޮވަންވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތައް ތަންފީޒުކުރައްވާނެ އަދި ރައްޔިތުން އެދޭ ފަދަ ކުރިއެރުމެއް ގައުމަށް ކުރިއެރުން ގެނެސްދެއްވާނެ ފަދަ މެންބަރެއް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ހިތަދޫ އުތުރުގެ ގޮނޑިއަށް އެމްޑީޕީގެ ކެންޑިޑޭޓް ޞާދިޤު ވަޑައިގެން ކުރައްވާނެ އިތުރު އެއްވެސް މަސައްކަތެއް ނެތް ކަމަށެވެ. ސަބަބަކީ އެމްޑީއަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެއްވެސް މަސައްކަތެއް ކުރާ ބަޔަކަށް ނުވުން ކަމަށް ޢަބްދުއްރަޙީމް ވަނީ އިތުރަށް ވިދާޅުވެފައެވެ.














