Ads by
ޚަބަރު
ހަގީގީ މާނައިގައި މިނިވަންކަން ލިބުނީ މި ފަސް އަހަރު: ރައީސް
ރައީސް އިބްރާޙިމް މުޙައްމަަދު ޞާލިޙް - ފޮޓޯ: ޓްވިޓާ

ރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ތާރީހަށް ބަލާއިރު، ހަގީގީ މާނާގައި މިނިވަންކަން ލިބުނީ މިދިޔަ ފަސް އަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Eki Online

މިއަދު ފާހަގަކުރާ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ މިދިޔަ ފަސް އަހަރަކީ، ކޮންމެ ދިމާއަކަށް ނަޒަރު ހިންގާލިޔަސް، ފުރިހަމަ މާނައިގެ މިނިވަންކަން ގާއިމުވެފައި އޮތް ފަސް އަހަރު ކަމަށެވެ.

“ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުރިހަމަށް ރައްކާތެރިކުރެވުނު ފަސް އަހަރު،” ރައީސް ވިދާޅުވި އެވެ.

“ހާރިޖީ މިނިވަންކަން އެންމެ ވަރުގަދަ ފަސް އަހަރު. ދާހިލީ މިނިވަންކަން އެންމެ ފުޅާ ގޮތެއްގައި ލިބިދެވުނު ފަސް އަހަރު. ފަރުދުންގެ ޒާތީ މިނިވަންކަން، އެއްވެސް ހިފެހެއްޓުމެއް ނެތި ކަށަވަރު ކޮށްދެވުނު ފަސް އަހަރު.”

ރައީސް ވިދާޅުވި ގޮތުގައި، މިނިވަންކަމުގެ ހަގީގީ އުފަލަކީ، އެމީހެއްގެ ޒާތަށް ލިބެން ޖެހޭ މިނިވަންކަން ހާސިލުވުމުގެ އުފަލެވެ. މިނިވަންކަން މަތީގައި ގައުމު ދެމިއޮތަސް، ގައުމީ ދިދައިގެ ހިޔަލުގައި އުޅޭ ރައްޔިތުންގެ ޒާތަށް ލިބެން ޖެހޭ މިނިވަންކަމަކީ މުޅިން ތަފާތުކަން ފާހަގަކުރެއްވި އެވެ. އެއީ އެ ފަރުދެއްގެ ދިރިހުރުމާއި ދިރިއުޅުމުގެ ހައްގާ ގުޅިފައިވާ އަސާސީ އަދި ޒަރޫރީ ބޭނުންތައް ފިލުވޭނެ ގޮތް، ހަމަ ކޮންމެ ރައްޔިތަކަށް ދައުލަތުގެ ފަރާތުން ހަމަޖައްސައިދީފައި އޮންނަ އޮތުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިނިވަން ދުވަސް މިއަދު ފާހަގަކުރާ އިރު، މާދަމާ އަތުލަން ބޭނުންވާ މަންޒިލަކީ ކޮބައިތޯ ވިސްނާލުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހިން އެދޭ މަންޒިލަކީ، 21 ވަނަ ގަރުނުގެ ތަރައްގީ ކަމަށާއި އެ މަންޒިލާ ދިވެހިންނާ ދެމެދަށް ހުރަސްވެފައި އޮތީ، ދިވެހިން އުޅެންޖެހިފައިވާ ހާލަތު ކަމަށެވެ.

“މާތް ﷲގެ ވާގިފުޅާ އެކު މިދިޔަ ފަސް އަހަރުގެ ތެރޭގައި، އަޅުގަނޑުމެންގެ އަމާޒަކަށް ހެދީ، އެ ހާލަތު ބަދަލުކޮށް ތަރައްގީގެ ސަރާސަރު ރާސްތާ އަށް ދިވެހިން ނެރެދިނުން،” ރައީސް ވިދާޅުވި އެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *