ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ ދަރިވަރުން ތަމްރީނު ފުރިހަމަކޮށް މިއަދު ދަސްވެނިވެއްޖެއެވެ.
މި ޕްރޮގްރާމުން މިއަދު ދަސްވެނިވި 63 ޒުވާނުންގެ ތެރޭގައި ހިމެނެނީ 17 އަހަރުގެ 37 ޒުވާނުންނާއި، 18 އަހަރުގެ 24 ޒުވާނުން އަދި 19 އަހަރުގެ 2 ޒުވާނުންނެވެ. މި އުފާވެރި މުނާސަބަތުގައި ހުރިހާ ދަސްވެނިންނަށާއި، އެ ކުދިންގެ ބެލެނިވެރިންގެ އިތުރުން މުދައްބިރުންނަށާއި އެމް.އެން.ޑީ.އެފް އަދި ޑިފެންސް މިނިސްޓްރީގެ އެންމެހާ ފަރާތްތަކަށް ރައީސް ޑރ މުއިޒު ވަނީ މަރުޙަބާ ދަންނަވާފައެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނަކީ، އެ ޕްރޮގްރާމްގެ އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ތަމްރީނުގައި ބައިވެރިވެފައިވަނީ 28 ޑިސެމްބަރު 2025 ގައި ދަސްވެނިވި އިނީޝިއަލް ޓްރެއިނިންގގެ ފުރަތަމަ ބެޗުގެ ދަރިވަރުންގެ ތެރެއިން މިކަމަށް ޝައުޤުވެރިކަން ފާޅުކުރި ކުދިންނެވެ.
ޖުމްލަ 4 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ހިންގާފައިވަނީ 15 ޖެނުއަރީ 2026 އިން ފެށިގެން އެމް.އެން.ޑީ.އެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައެވެ.
މި ޕްރޮގްރާމްގެ ދެވަނަ ބެޗު އިތުރު 75 ޒުވާނުންނާއެކު އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހު ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. މި ޕްރޮގްރާމަކީ ޒުވާނުންނަށް ބޭނުންވާ ފަންނީ ހުނަރުތައް އުނގަންނައިދީ، ޤައުމީ ޚިދުމަތަށް ޒުވާނުން ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.











