ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ކުރިން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ މިމަހުގެ ނިޔަލަށެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ، ކުރިއަށް އޮތީ އީދު ބަންދު ކަމުން ފޯމު ހުށަހެޅުމުގައި ގިނަ ބަޔަކަށް ދަތިތަކެއް ކުރިމަތިވާނެތީ، މާލެ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދި ހުޅުވާލާފައިވާ ހުރިހާ ސްކީމުތަކަށް އެދުމުގެ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
ހައުސިން މިނިސްޓްރީން ވަނީ ފޯމު ހުށަހަޅާއިރު، ފޯމުގައި ފުރިހަމަކުރަން ޖެހޭ މައުލޫމާތުތައް ފުރިހަމަކުރެވިފައިވަނީ ރަނގަޅަށްތޯ ކަށަވަރުކުރުމަށްވެސް އިލްތިމާސްކޮށްފައެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހަޅާފައިވާކަން ޕޯޓަލުން ކަށަވަރުކުރެއްވުމަށް ސަމާލުކަން ދިނުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.












