ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައެއްގެ ތެރޭގައި ޑައިވް ކުރަން އުޅުމުގެ ތެރޭގައި ނިޔާވި އިޓަލީގެ ފަތުރުވެރިންގެ ހަށިގަނޑުތައް މާދަމާ އެ ގައުމަށް ފޮނުވާލުމަށް ނިންމައިފިއެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ޝަރީފް (މުންދު) މިއަދު ވިދާޅުވީ، ނިޔާވި މީހުންގެ ހަށިގަނޑުތައް މާދަމާ ފަތިހުގެ ވަގުތެއްގައި އިޓަލީއަށް ފޮނުވާލުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ. އަދި އިޓަލީގައި އެ މީހުންގެ އޮޓޮޕްސީއެއް ހެދުމަށް ނިންމާފައިވީ ނަމަވެސް، އެ ތަހުގީގުގެ ރިޕޯޓުތައް ދިވެހި ފުލުހުންނާ ހިއްސާކުރާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އަލިމަތާ ކައިރީގައި އޮންނަ ނުރައްކާތެރި ކަނޑުއަޑީގެ ހޮހަޅައެއް ބަލަން ދިޔަ އިޓަލީގެ ހަތަރު ފަތުރުވެރިއަކާއި އެ މީހުންގެ އިންސްޓްރަކްޓަރު ގެއްލިގެން އެމްއެންޑީއެފްއާއި ފުލުހުން ކުރި މަސައްކަތުން، އެ ދުވަހު ފެނިފައިވަނީ ހަމައެކަނި އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ.
މި އޮޕަރޭޝަންގެ ތެރޭގައި ދިވެހި ސިފައިންގެ ޑައިވަރަކުވެސް ވަނީ ނިޔާވެފައެވެ. ބާކީ ތިބި މީހުންގެ ހަށިގަނޑުތައް ހޯދިފައިވަނީ ރާއްޖެއިން ބޭރުގެ އެހީތެރިކަމަށް އެދުމުން، ފިންލޭންޑްގެ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެ އައިސް ދިވެހި ސިފައިންނާ ގުޅިގެން ކުރި ނުރައްކާތެރި މަސައްކަތުންނެވެ.
މި އޮޕަރޭޝަންގައި ބައިވެރިވި ’ޑޭން ޔޫރަޕް‘ ގެ ޓީމުން ވަނީ އެ ހޮހަޅައިގެ ތެރޭގެ ފޮޓޯތަކެއް އާންމުކޮށްފައެވެ. އަދި އެ ޖަމްއިއްޔާގެ ސީއީއޯ ލޫރާ މަރޯނީ އިޓަލީގެ ނޫހެއް ކަމަށްވާ ’ލަ ރިޕަބްލިކާ‘ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ހޮހަޅައިގެ ތެރޭގައި ކަން ހިނގައިދިޔަ ގޮތް ކަމަށް ބެލެވޭ ބައެއް ތަފްސީލުތައް އެނގިފައިވާ ކަމަށެވެ.
މި ހާދިސާއަކީ ރާއްޖޭގެ ކަނޑުއަޑީގައި ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާއަށް ވާއިރު، މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.












