ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް މިހާރު ނިންމާފައިވާ ދުވަސް، އާދީއްތަ ދުވަހަކާ ދިމާވާތީ އެ ދުވަސް ރަސްމީ ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައި ދިނުމަށް ސަރުކާރުގައި އެދެން އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ނިންމައިފިއެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް މިފަހުން ގެނައި އިޞްލާޙާ އެކު، މަޖިލިސް އިންތިޚާބު ބޭއްވުމަށް އީސީން މިހާރު ހަމަޖައްސާފައި ވަނީ އެޕްރީލު މަހުގެ 21 ވާ އާދިއްތަ ދުވަހުއެވެ. އެ ދުވަހާ އަދި ޖެހިގެން އަންނަ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ހަމަޖައްސައި ދިނުމަށް އެދޭ ކަމުގައި އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢިލް ހަބީބު ވަނީ ވިދާޅުވެފައެވެ.
ހަބީބު ވަނީ މީގެ ކުރިން ބޭއްވި އިންތިޚާބުތަކާ ގުޅިގެން ސަރުކާރު ބަންދު ކުރުމަށް ރައީސް އޮފީހުން ނެރުނު ބައެއް އިޢުލާނުތައް މިއަދު އާންމުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ތެރޭގައި ވޯޓާ ގުޅިގެން ބައެއް ދުވަސްތައް ބަންދުކުރިކަން ހަބީބު ފާހަގަކުރެއްވިއެވެ.
އީސީގެ ރައީސް ފުއާދު ތައުފީޤު އިއްޔެ ވިދާޅުވެފައި ވަނީ އަންނަ މަހުގެ 21 ވަނަ ދުވަހަކީ ރޯދަ މަސް ނިމި، 10 ދުވަސް ދިނުމަށް ފަހު ލިބޭ ފުރަތަމަ ދުވަސް ކަމަށެވެ. އެ ދުވަހު ވޯޓުލުން ކުރިއަށް ގެންދަވަން ނިންމެވީ އެ ދުވަހަށް ވުރެ އިތުރަށް ލަސްކޮށްފި ނަމަ ޤާނޫނުގައިވާ ގޮތަށް، މިހާރު އޮތް މަޖިލިސް އުވުމުގެ އެއް މަސް ދުވަސް ކުރިން އާ މަޖިލިސް ނުހޮވިދާނެތީ ކަމަށް ފުއާދު ވިދާޅުވިއެވެ.
ދައުލަތުގެ ބަންޑާރަ ނައިބުގެ ލަފަ އާ ގުޅިގެން، އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް ފަސްވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވާފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އެ އިޞްލާޙުގައިވާ ގޮތުން ރަމަޟާން މަހުގެ ތެރޭގައި އެއްވެސް އިންތިޚާބެއް ނުބޭއްވޭނެއެވެ. އެހެންކަމުން އީސީން ވަނީ މި މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމި އިންތިޚާބު އެޕްރީލު މަހުގެ 21 ވަނަ ދުވަހަށް ފަސްކޮށްފައެވެ.