ހުސްވި އޭޕްރީލް މަހު މުދަލު ޒަކާތުން ކޮށްފައިވާ ހޭދަތައް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހުސްވި އޭޕްރީލް މަހު ޖުމްލަ 3,811,259.91 ރުފިޔާ ވަނީ ހޭދަކޮށްފައިވާއިރު، އޭގެ ކުރީ އަހަރު ހޭދަކޮށްފައިވަނީ 2,828,118.28 ރުފިޔާއެވެ. މިއީ ގާތްގަނޑަކަށް 34.8 އިންސައްތައިގެ އިތުރުވުމެއްކަން ފާހަގަކޮށްލަންޖެހެއެވެ.
މިދިޔަ އޭޕްރީލް މަހު ކޮށްފައިވާ ހޭދަތަކަށް ބަލައިލާއިރު، ޒަކާތު ހައުސްއިން އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންނަށް އެހީވުމަށާއި، ތައުލީމީ ދާއިރާއަށާއި، ކީރިތި ޤުރްއާނާ ގުޅުންހުރި ޕްރޮގުރާމްތަކުގެ އިތުރުން އިޖުތިމާއީ ފައިދާއަށް ހިންގާ ހަރަކާތްތަކަށެވެ. ފަގީރުންނާއި މިސްކީނުންގެ ބައިން ކުރި ހޭދައަށް ބަލައިލާއިރު، މިދިޔަ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ކޮށްފައިވަނީ 1,179,397.99 ރުފިޔާއެވެ. ނަމަވެސް މިދިޔަ މަހު މި އަދަދު ވަނީ 1,449,239.39 ރުފިޔާއަށް އިތުރުވެފައެވެ.
މި ބައިގެ ތެރެއިން، ޒަރޫރީ ބޭނުންތަކަށް ދިން އެހީ 42,500 ރުފިޔާއިން 182,731 ރުފިޔާއަށް ވަނީ އިތުރުވެފައިވާއިރު، ބޭސްފަރުވާގެ އެހީއަށް ކުރި ހޭދަ ވަނީ 1,136,897.99 ރުފިޔާއިން 1,266,508.39 ރުފިޔާއަށް އިތުރުވެފައެވެ.
ޒަކާތުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ މުސާރައާއި އިދާރީ ހިންގުމުގެ ހޭދަތައް ހިމެނޭ ”ޢާމިލުން“ ގެ ބައިން ކޮށްފައިވާ ހޭދަތައް މި އަހަރު ވަނީ ބޮޑުތަނުން ދަށްވެފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ އޭޕްރީލް މަހު މި ބައިން 483,077.82 ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ މަހު މި އަދަދު ވަނީ 195,003.79 ރުފިޔާއަށް ދަށްވެފައެވެ. މިއީ ގާތްގަނޑަކަށް 60 އިންސައްތައިގެ ދަށްވުމެއްކަން ފާހަގަކޮށްލަންޖެހެއެވެ.
ޒަކާތު ހައުސްއިން ބުނި ގޮތުގައި، ހުސްވި އޭޕްރީލް މަހު އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބިފައިވަނީ ”ފީސަބީލިﷲ“ ބައިން ކުރި ހޭދަތަކަށެވެ. އެގޮތުން މި ދާއިރާއަށް ކުރި ހޭދަ 2025 ވަނަ އަހަރުގެ އެޕްރީލް މަހު 1,103,590.47 ރުފިޔާގައި ހުރިއިރު، މިދިޔަ މަހު ވަނީ މި އަދަދު 2,167,016.73 ރުފިޔާއަށް އިތުރުވެފައެވެ. ސަބަބަކީ އިސްލާމީ ތައުލީމާއި ޤުރްއާނުގެ އިލްމު ކުރިއެރުވުމަށް ކުރާ މަސައްކަތްތައް ފުޅާވެފައިވުން ކަމަށް ޒަކާތު ހައުސްއިން މައުލޫމާތުދެއެވެ.
މި ބައިން ހޭދަކުރި މައިގަނޑު ދާއިރާތަކަށް ބަލައިލާއިރު، މަތީ ތައުލީމު ފުރިހަމަކުރުމަށް 290,274.76 ރުފިޔާގެ އެހީ ވަނީ ދީފައެވެ. ޙާފިޛުން އުފެއްދުމުގެ ޕްރޮގްރާމްތަކާއި ޤުރްއާނުގެ އިލްމު ފެތުރުމަށް 1,093,749.47 ރުފިޔާގެ އެހީ ދީފައިވާއިރު އަތޮޅު ތެރޭގައި ޤުރްއާން ސެންޓަރުތައް ބިނާކުރުމަށް 782,992.50 ރުފިޔާގެ އެހީ ވަނީ ދީފައެވެ.
ދަތުރުވެރިންނަށް ދޭ އެހީގެ ބަޔަށް ބަލައިލާއިރު، ”އިބްނުއްސަބީލް“ ގެ ބައިން މިދިޔަ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ވަނީ 62,052 ރުފިޔާ ހޭދަކޮށްފައެވެ. ނަމަވެސް މިދިޔަ މަހު މި ބައިން އެއްވެސް ހަރަދެއްކޮށްފައެއް ނުވެއެވެ.
ޒަކާތު ހައުސްއިން މިހާރު ވަނީ މުދަލު ޒަކާތުގެ ތަފާސްހިސާބުތައް ވެސް އާންމުކޮށްފައެވެ. އެގޮތުން މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 5,434,893 ދިވެހި ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ މަހާ އަޅައިބަލާއިރު 53.8 އިންސައްތައިގެ ދަށްވުމެއް ނަމަވެސް، 2025 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 8.9 އިންސައްތައިގެ ކުރިއެރުމެއްކަން ފާހަގަކޮށްލަންޖެހެއެވެ.













