އެމަނިކުފާނަށް އެންމެ މުހިންމީ ރައްޔިތުންގެ ފުދުންތެރިކަން ޔަގީންވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ މާޅޮސްމަޑުލު އުތުރުބުރީ މީދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ދައުރު ނިމޭއިރު ކޮންމެ ރައްޔިތަކީ މުއްސަންޖެއްގެ ގޮތުގައި ވުމަށް ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ އަމާޒަކީ، ރައްޔިތުންނަށް ލިބޭ އާމްދަނީގެ ގޮތުންނާއި ފުދުންތެރިކަމުގެ ގޮތުންނާއި ގެދޮރުވެރިކަން ހާސިލުވެގެން ދިއުމުންނާއި އިޖުތިމާޢީ ގޮތުން އެ ލިބޭ ހިތްހަމަޖެހުން ލިބުމުންނާ އަދި ދަރިންގެ ކަންކަން ހާސިލުވުމުން އެ ލިބޭ އުފާވެރިކަމުގެ އިތުރުން ދިވެހިރާއްޖެ އޮތީ ސަލާމަތްތެރިކަމާ އެކީ މިނިވަންކަންމަތީ އަމިއްލަ ފައިމައްޗަށް ތެދުވެފައިކަން ޔަގީންވެގެން އެ ލިބޭ އިހުސާސްގެ މުއްސަނދިކަން އެންމެނަށް ލިބުން ކަމަށް ރައީސް ވިދާޅުވިއެވެ.
މީދޫ ސްކޫލުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވެފައި ވަނީ އިޤުތިޞާދީ ތަރައްޤީ ހާސިލުކުރުމަށްޓަކައި މުޅި ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. މިހާރު ކޮންމެ ކައުންސިލަކަށްވެސް ފަޅު ރަށެއް ނެގޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވެފައި ވަނީ އެ ފަޅު ރަށަކީ ކޮންމެހެން ރަށާ އެންމެ ކައިރީގައި އޮންނަ ރަށަކަށް ވާން ނުޖެހޭ ކަމަށާއި އެހެން ސަރަޙައްދަކުންވެސް ބޭނުން ހިފިދާނެ ރަށެއް އޮތިއްޔާ އެ ރަށެއް ހޯދުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. ސަރުކާރުން ކައުންސިލުތަކަށް މި ދޫކުރާ ފަޅު ރަށްތައް 25 އަހަރަށް ބޭނުން ހިފޭނެ ގޮތަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މީދޫގެ ތަރައްޤީއަށްޓަކައި ކުރުމަށް ރާވާފައިވާ ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ ބިން ހިއްކުމާއި ހޮސްޕިޓަލް ގާއިމުކުރުމާއި ރައްޔިތުން ބޭނުންވާ ބޮޑުމިނުގައި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މީދޫގެ ރައްޔިތުންނަށް ގިނަ ކަންކަން ބޭނުންވާކަން ފާހަގަކުރައްވާ އެ ކަންކަން ފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.