އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަގާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާދަކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، މިފަދަ ފުރުސަތުތަކަކީ ޒުވާނުންނަށް ދޭންޖެހޭ ފުރުސަތުތަކެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު (އިބޫ) ވިދާޅުވެއްޖެއެވެ.
އިބޫ މި މޭރުމުން ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމްގެ ޅ. ހިންނަވަރުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި، ވާހަކަދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ، މި ވަގުތަކީ އެމްޑީޕީގެ ލީޑަރޝިޕަށް އާ ބަޔަކު ގެނެސް، އެ ފަރާތްތަކާއެކު ހެޔޮ ބަދަލުތައް ގެންނަން މަސަައްކަތް ކުރަންވީ ވަގުތު ކަމަށެވެ.
އެހެންކަމުން މި އިންތިހާބުގައި ނަޝީދު ވާދަކުރެއްވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް އިބޫ ވިދާޅުވިއެވެ.
މީގެ އިތުރުން އިބޫ ވިދާޅުވީ، ދިވެހިރާއްޖޭގައި ވޯޓުލުމުގެ ހައްގު ލިބޭ ޒުވާނުންގެ އަދަދު ނިސްބަތުން އިތުރުވަމުން އަންނަ ކަމަށާއި، ކަން މިހެން އޮތް އިރު އެމްޑީޕީގެ ލީޑަރޝިޕްގައި ޒުވާން ބޭފުޅުން ހަރަކާތްތެރި ނުވާ ނަމަ އެއީ ޖީލަކަށް އޮތް ފުރަސެތެއް ހަނިކޮށް ގެއްލުވާލުން ކަމަށެވެ. ހަމައެހެންމެ، 30 އަހަރުވަންދެން ރާއްޖޭގެ ވެރިކަން އެއް ބޭފުޅަކު ކުރެއްވުމުގެ ސަބަބުން ދިމާވި ފަދަ މައްސަލަތައް އެމްޑީޕީ ތެރޭގައި ދިމާވުމަށް ނޭދޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
”ރާއްޖެ ދުށް 30 އަހަރުގެ ވެރިކަމުގެ ސަބަބުން ދިމާވި މައްސަލަތައް އެމްޑީޕީގެ ތެރެއިން ފެންނާކަށް އަޅުގަނޑެއް ބޭނުމެއް ނޫން. އެހެންވީމަ އެހެން ބަޔަކަށް މި ފުރުސަތު ދީފައި އަޅުގަނޑުމެން އެ ބަޔަކާ އެކު ކުރިއަށް ދާންވީ،“ – އިބޫ ވިދާޅުވިއެވެ.
އަންނަ ޖޫން މަހު އެމްޑީޕީއަށް 21 އަހަރު ފުރޭނެކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ، އެ ދުވަހު އެންމެ ބޮޑަށް ދެކެވަޑައިގަންނަވަން ބޭނުންވާ މަންޒަރަކީ އެ ޕާޓީން އިންތިހާބުވި ދެ ރައީސުންނާއި މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުން އަދި ޕާޓީގެ ޗެއަރޕާސަންކަން ކުރެއްވި ހުރިހާ ބޭފުޅުން އެއް ތަނެއްގައި އަތުރާލައި، އާ ލީޑަރުންނަށް ޕާޓީގެ ހިނގުން ހަވާލުކުރުން ކަމަށެވެ.
އިބޫގެ މި ވާހަކަތަކުގެ ސަބަބުން އެމްޑީޕީގެ އާންމު މެންބަރުންގެ ތެރެއިން ގިނަ ބަޔަކު ވަނީ އިބޫއަށް ނުރުހުމުގެ ބަސްތައް އަމާޒުކޮށްފައެވެ. އެގޮތުން އެމްޑީޕީގެ އާންމު މެންބަރުންގެ ތާއީދު ގެއްލިފައިވާ ބޭފުޅަކު މިފަދަ ވާހަކަދެއްކުމަކީ ރީތި ގޮތެއް ނޫން ކަމަށާއި، ދައްކަންޖެހޭ ވާހަކަތަކާއި ދައްކަންނުޖެހޭ ވާހަކަތައް ނުދެއްކުމަށް ގިނަ ބަޔަކު އަންނަނީ އިބޫއަށާއި މީކާއިލްއަށް ގޮވާލަމުންނެވެ.













