މިއަހަރުގެ އަޟްޙާ ޢީދާ ދިމާކޮށް، ބަންދު ދުވަސްތަކުގެ ގޮތުގައި ހަތް ދުވަސް ލިބުނު ނަމަވެސް، މި މަހުގެ 28 ވާ ބުރާސްފަތި ދުވަހު ބޭންކުތައް ހުޅުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
މިކަމާ ގުޅިގެން އެމްއެމްއޭއިން ބުނެފައިވަނީ، މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހާއި ހަމައަށް ސަރުކާރު ބަންދުވި ނަމަވެސް، އާންމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މި މަހުގެ 28 ވާ ބުރާސްފަތި ދުވަހު ބޭންކުތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ދުވަހު ބޭންކުތައް ހުޅުވާފައި ހުންނާނީ ހެނދުނު 08:30 އިން ފެށިގެން މެންދުރުފަހު 14:00 އާއި ހަމައަށެވެ.
އެމްއެމްއޭއިން ބުނީ، އެ ދުވަހު ބޭންކުތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވީ ނަމަވެސް، ވަކިލާރިއާއި ނަގުދު ފައިސާ ދޫކުރުމަށް ހަމަޖެހިފައިނުވާ ކަމަށެވެ. ކަން މިހެން އޮތުމުން، މި ހަފުތާގެ ތެރޭގައި ބޭނުންވާނެ ކަމަށް އަންދާޒާކުރެވޭ މިންވަރަށް ވަކިލާރިއާއި ނަގުދު ފައިސާ ހޯދުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
މިއަހަރުގެ އަޟްޙާ ޢީދާ ދިމާކޮށް ގިނަ ދުވަސްތަކެއް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ރައީސް މުޢިއްޒު ވަނީ ނިންމަވައިފައެވެ. މިކަން މިގޮތަށް ނިންމެވީ އާއިލާއާއެކު ގިނަ ވަގުތު ހޭދަކުރުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.












