ކުރީގެ ތިން ރައީސުން ކަމަށްވާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، މުޙައްމަދު ނަޝީދުގެ އިތުރުން އިބްރާހީމް މުޙައްމަދު ޞާލިޙު ގުޅިގެން މަސައްކަތް ކުރެއްވުމަށް ނިންމެވި ނިންމެވުމަށް އެމްޑީޕީން ފުރިހަމައަށް ތާއީދުކޮށް، އެ މަސައްކަތުގައި ބައިވެރިވުމަށް އެ ޕާޓީގެ ޤައުމީ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއަދު ހަވީރު ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި، މި ތިން ރައީސުންގެ އިއްތިހާދަށް އެއްބާރުލުން ދިނުމަށް ގަރާރެއް ހުށަހެޅުއްވީ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލެވެ. މި ގަރާރަށް ތާއީދުކުރެއްވީ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) އެވެ. ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާޤުން މި ގަރާރު ވަނީ ފާސްކޮށްފައެވެ.
ފައްޔާޒު ހުށަހެޅުއްވި ގަރާރުގައިވަނީ، މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހު ތިން ރައީސުން ނެރުއްވި ގުޅިފައިވާ ބަޔާނަކީ ގައުމުގެ މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލި، ޑިމޮކްރަސީގެ ހަމަތައް ފޮހެވުމުންދާތީ ގައުމު އަލުން ހަމަމަގަށް އެޅުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި މަސައްކަތުގައި އެމްޑީޕީން އަމަލީގޮތުން ބައިވެރިވުމަކީ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށްވެސް އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 34 ވަނަ ބައްދަލުވުން ކުރިއަށްދަނީ. pic.twitter.com/SBqhpD7XmB
— MDP Secretariat (@MDPSecretariat) May 19, 2026
މި ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން ނިންމެވީ، މިހާރުގެ ސަރުކާރުން ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަނެ، ޝަރުއީ ދާއިރާއަށާއި ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތު ކުރައްވަމުންނެވެ. އަދި ސަރުކާރުގެ ތެރޭގައި ހުރި ނުރަނގަޅު ކަންކަން އިސްލާހު ކުރުމަށް މި ސަރުކާރު ނުކުޅެދިފައިވާ ކަމަށްވެސް އެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީން ވިދާޅުވީ، ތިން ރައީސުންގެ އެންމެ ފުރަތަމަ ޑިމާންޑަކީ ހައްޔަރުކޮށްފައިވާ ނޫސްވެރިން ދޫކޮށްލުން ކަމަށެވެ. ސަރުކާރުން ނޫސްވެރިންނަށް އަމާޒުކޮށް ’ގެގް އޯޑަރެއް‘ ނެރެފައިވާކަމަށާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދުމަށް އެމްޑީޕީއާ އެކު މަސައްކަތް ކުރައްވަނީ އާންމު ރައްޔިތުންގެ ހައްގުގައި ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން މިފަދައިން ވިދާޅުވުމާއެކު ބައެެއް މިނިވަން ނޫސްވެރިން ވަނީ ޔާމީނުގެ ވެރިކަމުގައި ނޫސްވެރިންނަށާއި، މުޅި ދިވެހި މީޑިއާއަށް ދިން އަނިޔާ ހަނދާންކޮށްދީފައެވެ.
ޔާމީން މިފަދައިން ވިދާޅުވި ނަަމަވެސް ’ގެގް‘ އޯޑަރ އަކީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން މުޖްތަމަޢުގައި ފާހިޝްކަންކަން އިޝްތިހާރުކޮށް އަބުރަށް އަރައިގަތުމުގެ ކަންތައް ގަނޑެއް ހިނގަމުންދާދިއުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރެކެވެ. އެއީ ނޫސްވެރިންނަށް އަމާޒުކޮށް ނެރެފައިވާ އަމުރެއްވެސް ނޫނެވެ.
އެމްޑީޕީއާ އަބަދުވެސް ސިޔާސީ ގޮތުން އެންމެ ބޮޑަށް ޚިޔާލުތަފާތު، އަދި އެމްޑީޕީ އަކީ ޤައުމަށް ޣައްދާރުވީ ޕާޓީއެއްކަމަށާއި، ލާދީނީ ޕާޓީއެއްކަމަށް ބުނަމުންއައި ޔާމީން ހިމެނިވަޑައިގަންނަވާހެން، އެމްޑީޕީން އެކުގާ ގަދަކޮށް ތިބިކަމަށް ހާމަކޮށްފައިވާއިރު، ޔާމީނު އަކީ ދަޢުލަތުން ވައްކަންކުރި ވަގެެއްގެ ގޮތުގައި ސިއްކަ ޖެއްސީވެސް އެމްޑީޕީންނެވެ. އަދި ޔާމީނު އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ އެމްޑީޕީއަކީ ޔާމީނަށް އަނިޔާދިން ޕާޓީކަމުން ދުވަހަކުވެސް އެޕާޓީއާއިއެކު އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށެވެ.
އެހެންކަމުން ކުރީގެ ތިން ރައީސުން އެކަކު އަނެކަކަށް އަނިޔާ ދިނުމަށްފަހު އެއްގަލަކަށް އެރިކަމަށް ދައްކާލައިގެން އުޅެނީ އަމިއްލަ އެދުމާއިގެން ބަޣާވާތަކުން ވެރިކަން ވައްޓާލަން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.













