މީހެއްގެ ދީނާއި ޢަޤީދާއަށްފަހު، އޭނާގެ ގާތުގައި އެންމެ އަގުބޮޑު އެއްޗަކީ އޭނާގެ ވަޠަން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ވަޠަންދެކެ ލޯބިވުމުގެ މައްޗަށް އަލިއަޅުވާލައި ޚުޠުބާގައި ބުނީ ވަޠަން ދެކެ ފަޚުރުވެރި ނުވާ އިންސާނަކު ނުވާ ކަމަށެވެ. އެއީ އޭނާގެ ޅަފަތުގެ ދާން ކަމަށާއި އޭނާގެ ކުޑައިރުގެ ބަގީޗާ ކަމަށެވެ. އޭނާގެ ޒުވާންކަމުގެ މައިދާން ކަމަށެވެ. އޭނާގެ ދެވަންފުރައިގެ ކިއްލާ ކަމަށެވެ. އޭނާގެ ހަނދާންތަކުގެ އާރު ކަމަށެވެ. އެއީ އޭނާގެ ކާބަފައިންގެ ބިން ކަމަށާއި އޭނާގެ ދަރިންގެ ބޯހިޔާވަހިކަން ކަމަށެވެ. ވަޠަން ދެކެ ލޯބިވުމަކީ އިންސާނާގެ ހިތުގައި ބިންވަޅު ނެގިފައިވާ ޣަރީޒާއެއް ކަމަށެވެ. އޭނާއަށް ހިތްހަމަޖެހުން ލިބެނީ ވަޠަނުން ކަމަށްވާއިރު ކިތަންމެ ދުވަހަކު ދުރުގައި އުޅެން ޖެހުނަސް، ވަޠަނަށް އާދެވޭނެ ދުވަހަކަށް އޭނާ އިންތިޒާރު ކުރާ ކަަމަށެވެ. ވަޠަނަށް ޙަމަލާއެއް ދެވިއްޖެނަމަ، ދިފާޢު ކުރުމަށް ތެދުވާ ކަމަށެވެ. ވަޠަނަށް ބަދުބަހެއް ބުނެފިނަމަ، އެކަމާމެދު ރުޅި އަންނަ ކަމަށެވެ.
“މިއީ ދޫނިސޫފާސޫއްޕާއި، މަސްމަހާމެއްސާއި، ވަލުޖަނަވާރުތަކުގެ ޙާލެވެ. އެއެއްޗެހި ވެސް ދިރިއުޅޭ ތަނާއި މާހައުލު ދެކެ ލޯބިވެއެވެ. ދޫނިސޫފާސޫއްޕާއި، މަސްމަހާމެހި އެތައް ހާސް މޭލެއްގެ ދިގު ދަތުރުކޮށްފައި، އޭއްޗެހީގެ ވަޒަނަށް އަނބުރާ އާދެތެވެ. އުތުރުތަނޑީގައި ގަދަ ފިނީގައި ދިރިއުޅޭ އިންސާނާ، އެ ތަން ދޫކޮށްފައި ނުދަނީ ކީއްވެގެން ހެއްޔެވެ؟ ބޯ ފިހޭވަރުގެ ގަދަ ހޫނުގަދަ ސަހަރާގައި ދިރިއުޅޭ މީހުން، އެތަން ދޫކޮށްފައި ނުދަނީ ކީއްވެގެން ހެއްޔެވެ؟ ބިރުވެރި ޙައިވާންތަކާއެކު ބޯ ޖަންގަލީގައި ދިރިއުޅޭ މީހުން އެ މާޙައުލު ދޫކޮށްފައި ނުދަނީ ކީއްވެގެން ހެއްޔެވެ؟ މި ހުރިހާ އެންމެން ވެސް މި ބުރަތައް އުފުއްލަނީ އެމީހުންގެ ވަޠަނަށްޓަކައެވެ،”
މިއަދުގެ ޚުޠުބާގައި ބުނެފައި ވަނީ ވަޠަން ދެކެ ލޯބިވުމަކީ، އިންސާނީ ނަސްލުގެ ޠަބީޢަތުގައި ވާކަމެއް ކަަމަށެވެ. އިސްލާމްދީނަކީ އިންސާނީ ފިޠުރަތާއި އިންސާނިއްޔަތުގެ ދީން ކަމުގައި ވާތީ، އެ ދީން އެކަމާ ދެކޮޅު ނަހަދާ ކަަމަށެވެ. އެ ދީން ވެސް އެކަން ޤަބޫލު ކުރާ ކަމަށެވެ. ޚުޠުބާގައި ބުނި ގޮތުގައި ކީރިތި ރަސޫލާ ﷺ ޢަމަލީ ގޮތުން ވަނީ ވަޠަން ދެކެ ލޯބިފުޅުވާ ކަަމާއި ވަޠަން ދެކެ ލޯބިވާން ޖެހޭނެކަން ދައްކަވައި ދެއްވާފައި ކަމުގައެވެ. ކީރިތި ރަސޫލާ ﷺ އަށް ގޯނާކޮށް، ފުރައްސާރަކޮށް، މައްކާއިން ބޭރުކޮށްލާނެކަމުގެ ޚަބަރު ވަރަޤަތު ބިން ނައުފަލު ދެއްވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެބައިމީހުން ތިމަންކަލޭގެފާނު ހަމަ ބޭރުކޮށްލާނެ ހެއްޔެވެ؟” އެހިނދު ވަރަޤަތު ދެންނެވިއެވެ. ކަލޭގެފާނު ތިޔަވަޑައިގެންނެވި ފަދަ ކަމަކާއިގެން ވަޑައިގަންނަވާ ކޮންމެ ބޭކަލަކު، އެ ބޭކަލެއްގެ ވަޠަނުން ބޭރުކޮށްލެވިފައިވެއެވެ. މި ބަސްފުޅުން އެނގެނީ ވަޠަން ދޫކޮށްލާން ޖެހުމަކީ ނަފްސަށް ވަރަށް އުދަނގޫ ކަމެއް ކަމެވެ. އެމީހުން އެކަލޭގެފާނު ދޮގުކުރާނެޔޭ އަދި އެކަލޭގެފާނަށް ގޯނާކޮށް ދުއްތުރާ ދުއްތުރާތައް ޖައްސާނެޔޭ ވަރަޤަތު ދެންނެވުމުން ރަސޫލާ ﷺ ކަންބޮޑުވެވަޑައެއް ނުގަންނަވައެވެ. ނަމަވެސް ވަޠަނުން ބޭރުކޮށްލާނެ ކަަމަށް ދެންނެވުމުން އެކަލޭގެފާނު ކަންބޮޑުވެވަޑައިގަތެވެ. ދެރަފުޅުވިއެވެ.
ޚުޠުބާގައި ބުނީ މައްކާގެ މުޝްރިކުން އެކަލޭގެފާނު މައްކާގެ ބިމުން ނެރެލި ދުވަހު، ވަރަށް އަސަރުން ފުރިގެންވާ ޢިބާރާތަކުން، ވަޠަންދެކެ ލޯބިފުޅުވާ މިންވަރު ހާމަކުރައްވާފައިވާ ކަަމަށެވެ. އެކަލޭގެފާނު މައްކާއަށް އަލްވަދާޢު ވިދާޅުވަމުން ޙަދީޘްކުރެއްވިއެވެ. “ދިރިއުޅުމަށް ޓަކައި ލިބިފައިވާ ރަށެއްގެ ގޮތުގައި ތިބާގެ ރަނގަޅުކަމުގެ ބޮޑު ކަމާއެވެ! ތިމަންކަލޭގެފާނުގެ އަރިހުގައި ތިބާގެ ލޮބުވެތި ކަމުގެ ބޮޑު ކަމާއެވެ! ތިމަންކަލޭގެފާނުގެ ޤައުމުގެ މީހުން ތިޔަ ރަށުން ތިމަންކަލޭގެފާނު ބޭރުކޮށް ނުލިނަމަ، ތިމަންކަލޭގެފާނު ތިޔަ ނޫން ފަސްގަނޑެއްގައި ވަޒަންވެރިވެ ވަޑައިނުގަންނަވާ ހުށީމުއެވެ.” މިއީ އެކަލޭގެފާނު ރައްކައުވެ ބޮޑުފުޅުވި ރަށާ މެދު ފާޅުކުރެއްވި ތެދުވެރި ޝުޢޫރެވެ.
“މިއަދު އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާ ޙިޞާރުކޮށްގެން ރޭގަނޑާއި ދުވާލު އެ ބިމަށް އޮއްސަމުންދާ ބޮންތަކާއި، ޞިހްޔޫނީ ސިފައިން ދެމުން ގެންދާ ޙަމަލާތަކާ މެދު ވިސްނާލަމާ ހެއްޔެވެ؟ ޣައްޒާގެ ހުރިހާ ބިނާރުތަކާއި، ހަސްފަތާލުތަކާއި، މިސްކިތްތަކާއި، ބޯހިޔާވަހިތަކެއް އެ ގެންދަނީ ތަޅައި ސުންނާފަތިކުރަމުން އެ ދަނީ، ޣައްޒާގެ ރައްޔިތުން އެ މީހުންގެ ވަޠަނުން ބޭރުކޮށްލެވޭތޯއެވެ. ފެނާއި، ކާބޯތަކެއްޗާއި، ގޭހާއި، ކަރަންޓާއި، އަސާސީ ބޭނުންތަކުން މަހްރޫމު ކުރަމުންދަނީ ވެސް ހަމަ އެ ބޭނުމުގައެވެ. ނަމަވެސް އެމީހުން އެ ބިމުން ނުފައިބާ ސަބަބަކީ ކޮބައި ހެއްޔެވެ؟ އެ މީހުންގެ ބިމާއި ވަޠަންދެކެ ހުރި ކުލުނެއްގެ ބޮޑުކަމުންނެވެ. މިއީ މިއަދު ފެންނަމުންދާ ވަޠަންދެކެ ލޯބިވުމުގެ ނަމޫނާ މިސާލެކެވެ.”
ދިވެހިރާއްޖޭގެ ބިމަކީ، ބަރަކާތްތެރި ފަސްގަނޑެއް ކަން ފާހަގަކޮށް މިއަދުގެ ޚުޠުބާގައި ބުނެފައި ވަނީ މާތް ﷲ ވަނީ މި ފަސްގަނޑު ސައްތައިން ސައްތަ އިސްލާމީ ފަސްގަނޑެއް ކަމުގައި ލައްވާފައި ކަމަށެވެ. މި ވަޠަން މި ޢަޤީދާއިން ބޭރަށް ލެވޭތޯ މަސައްކަތް ކުރާ ޖަމާޢަތްތަކާއި ޖަމްޢިއްޔާތައް ވަރަށް ގިނަ ކަމަށެވެ. މި ފަދަ ނުބައި ރޭވުންތަކުން މި ވަޠަން ސަލާމަތްކުރުމަށް ޓަކައި، އަހަރެމެން އެކަތިގަނޑަކަށް ވާން އެބަ ޖެހޭ ކަަމަށެވެ. މިކަމުގައި އަހަރެމެންގެ ބަސް އެއް ބަހަކަށް ހަދަން ޖެހޭ ކަމަށެވެ. އަހަރެމެންގެ ފަރުދީ އުނިކަން ފޫބެއްދުމަށް ޓަކައި، އެކަކު އަނެކަކަށް އެހީތެރިވެ އަޅާލަން ޖެހޭ ކަަމަށެވެ. ދޭދޭ ފަރުދުންގެ މެދުގައި ހުރި ޚިލާފުތަކާއި ދެބަސްވުންތައް އެއްފަރާތްކޮށް، ޖަމާޢަތުގެ މަޞްލަޙަތު އިސްކޮށް، ފަހިމަގުން ކަންކަން ހިންގަން ޖެހޭ ކަމަށެވެ.
ހުކުރު ޚުޠުބާގައި ބުނި ގޮތުގައި ވަޠަނަށްޓަކައި ކޮންމެ މީހަކު އަދާކޮށްދޭން ޖެހޭ ވާޖިބުތަކުގެ ތެރޭގައި، ޤައުމު ބިނާ ކުރުމުގައި ބައިވެރިވެ، ކޮންމެ މީހަކުވެސް އެ މީހެއްގެ ޙިއްޞާ އަދާކުރުން ވާ ކަމުގައެވެ. ޤައުމު ބިނާކުރުމުގައި ބައިވެރިވުމަކީ، ﷲ އިންސާނާ އާ ޙަވާލުކުރައްވާފައިވާ ދުނިޔެ އާރާސްތުކުރުމުގެ މަސައްކަތުގައި ބައިވެރިވުން ކަމަށެވެ. ކޮންމެ މީހަކުވެސް ޤައުމު ބިނާކުރުމަށް ޓަކައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ އޭނާގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަަމަށެވެ.
ޤައުމު ބިނާކުރުމުގެ މަސައްކަތަކީ، މީހާގެ ޤާބިލުކަމާއި ހުނަރުވެރިކަމާއި ގުޅިފައިވާ ކަމެއްކަން ފާހަގަކޮށް ޚުޠުބާގައި ބުނީ ޤައުމުގެ މުއްސަނދި ކަމަށާއި ޤައުމުގައި ޢާންމު ޚިދުމަތްތައް ދިނުމަށް ބިނާކުރެވިފައިވާ ބިނާވެށި ރައްކާތެރިކުރުމަކީ ވެސް ޤައުމު ބިނާކުރުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަަމަށެވެ. ތަޢުލީމު ޙާޞިލުކުރުމަށްފަހު، ޤައުމަށް އޭގެ ފައިދާ ހޯދައި ދިނުމާއި ޤައުމުގައި ރިވެތި އަޚްލާޤާއި އަބުރުވެރި ދިރިއުޅުމެއް ފެތުރުމާއި ދޭދޭ ފަރުދުންގެ މެދުގައި ގުޅުންތައް ރަނގަޅުކޮށް، ބަދު އަޚްލާޤީ ޢަމަލުތަކުން ޤައުމު ޠާހިރު ކުރުމަށް މަސައްކަތް ކުރުންވެސް އޭގެތެރޭގައި ހިމެނޭ ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.