ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މި އަހަރު ދިވެހިރާއްޖެއިން ފުރާ ޙައްޖާޖީންގެ ތިންވަނަ ގްރޫޕް ސަޢުދީ ޢަރަބިއްޔާއިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ދިވެހި ޙައްޖާޖީންގެ ތިންވަނަ ގުރޫޕް ސަޢުދީ ޢަރަބިއްޔާއަށް ފުރާފައިވަނީ މިއަދު މެންދުރުފަހު 15:45 އެހާއިރުއެވެ. މި ފްލައިޓް ޖިއްދާގެ ކިންގް އަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ މިރޭ 20:45 އެހާއިރުއެވެ. ޙައްޖާޖީންގެ ތިންވަނަ ގުރޫޕް ސަޢުދީއަށް ދިޔުމުން އެ ފަރާތްތަކަށް މަރުހަބާ ކިޔާފައިވަނީ އެ ގައުމުގެ ސަރުކާރުގެ ޙައްޖުގެ ކަންކަމާ ގުޅޭ އިސްވެރިންނާއި، ދިވެހި ޙައްޖު މިޝަންގެ އިސްވެރިންގެ އިތުރުން މައްކާ ރޫޓު އިނީޝިއޭޓިވްގެ ފަރާތުންނެވެ.
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން މިއަދު ފުރާފައިވަނީ 268 ޙައްޖާޖީންނެވެ.
ދިވެހިރާއްޖެއަށް މި އަހަރު 1،000 ޙައްޖު ކޯޓާ ލިބިފައިވާއިރު، މި ހުރިހާ ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވަނީ ސަޢުދީގެ ދެ ފްލައިޓާއި މޯލްޑިވިއަންގެ ދެ ފްލައިޓުގައެވެ. މިހާތަނަށް ތިން ފްލައިޓެއް ފުރާފައިވާއިރު، ބާކީ ތިބި ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ. އެގޮތުން މާދަމާ ފުރުމަށް ހަމަޖެހިފައިވަނީ 253 ޙައްޖާޖީންނެވެ.
ދިވެހި ޙައްޖާޖީންނަށް ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ދިވެހި ސަރުކާރުން ސަޢުދީ ސަރުކާރާއި ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޙައްޖާޖީން ތިބޭ ޓެންޓުތަކުގައި ފާހާނަ ބަރި އިތުރުކުރުމާއި ކެއިންބުއިމުގެ އިންތިޒާމުތައް ހަރުދަނާކުރުން ހިމެނެއެވެ.
މޯލްޑިވްސް ޙައްޖު މިޝަންއިން ބުނީ، މިހާތަނަށް ސަޢުދީއަށް ދިޔަ ދިވެހި ޙައްޖާޖީންގެ ހާލުވެސް ރަނގަޅު ކަމަށެވެ.












