ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސާފު ފައިދާ އަންނަ އަހަރުގެ ނިޔަލަށް 1 ބިލިޔަން ރުފިޔާއަށް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޝިމާދު މިހެން ވިދާޅުވީ ދާދިފަހުން ބޭއްވުނު އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މި ޖަލްސާގައި ކުންފުނީގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ވަނީ ހިއްސާދާރުންނަށް ތައާރަފްކޮށްފައެވެ.
މެނޭޖިންގ ޑިރެކްޓަރ ވިދާޅުވި ގޮތުގައި، މި ޕްލޭނަކީ ހިއްސާދާރުންގެ މަޝްވަރާގެ މަތިން، 2030 ވަނަ އަހަރާ ހަމައަށް ކުންފުނީގެ ވިޔަފާރިއާއި އާމްދަނީ ފުޅާކުރުމަށް އެކުލަވާލާފައިވާ މަގުޗާޓެކެވެ. މި ޕްލޭން އެކުލަވާލުމުގައި ބޭސްލައިންއެއްގެ ގޮތުގައި ބަލާފައިވަނީ ނިމިދިޔަ އަހަރުގެ މާލީ ނަތީޖާތަކެވެ.
ކުރިއަށް އޮތް ފަސް އަހަރަށް އެސްޓީއޯއިން ކަނޑައަޅާފައިވާ މުހިންމު ލަނޑުދަނޑިތައް:
ކުންފުނިން އެތެރެކުރާ މުދާ ލިބެން ހުންނަ މިންވަރު (Availability) %90 އިން %98 އަށް އިތުރުކުރުން.
ތިމާވެއްޓާ ރައްޓެހިވުމުގެ ގޮތުން ކާބަން އެމިޝަން 30 އިންސައްތައަށް ކުޑަކުރުން.
އައު ވިޔަފާރިތަކުން ލިބޭ އާމްދަނީ އަހަރުން އަހަރަށް %5 އިތުރުކުރުން.
ހިއްސާދާރުންގެ ރައުސުލްމާލު ހިމާޔަތްކުރުމަށްޓަކައި އިކުއިޓީ %15 އަށް ވުރެ ދަށްނުކޮށް ހިފެހެއްޓުން.
ޝިމާދު ވިދާޅުވީ މި ލަނޑުދަނޑިތަކާ އެކު ކުންފުނީގެ ޖުމްލަ އާމްދަނީ 20 ބިލިޔަން ރުފިޔާއަށް އުފުލިގެންދާނެ ކަމަށެވެ. ”މިދާ ޓްރެންޑަށް ބަލާއިރު، މިއަހަރު ނޫނީ އަންނަ އަހަރު 1 ބިލިޔަން ރުފިޔާގެ ސާފު ފައިދާގެ ލަނޑުދަނޑި ހާސިލްވުމަކީ ވަރަށް އެކަށީގެންވާ ކަމެއް،“ އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް ވަނީ 240 މިލިޔަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައެވެ.
ކުންފުނީގެ މާލީ ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 5.5 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 33 އިންސައްތައިގެ ކުރިއެރުމެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި، ބަންކަރިން ހިމެނޭހެން ތެޔޮ ވިއްކި މިންވަރު 27 އިންސައްތަ އިތުރުވުން ހިމެނެއެވެ. މީގެ އިތުރުން ކުންފުނީގެ އެހެނިހެން ދާއިރާތަކުގެ ވިޔަފާރިވެސް ވަނީ ބޮޑުތަނުން ރަނގަޅުވެފައެވެ.













