ހުސްވި ބުރާސްފަތި ދުވަހު ވ. އަތޮޅުގައި އޮންނަ ޑައިވް ކުރާ ސަރަހައްދަކަށް ގޮސް އުޅެނިކޮށް އެކަކު މަރުވެ، ހަތަރު ޑައިވަރުން ގެއްލުނު ހާދިސާއާ ގުޅިގެން އެ މީހުންގެ ގޮވައިގެން ޑައިވިންގއަށް ދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑުކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ، ”އެމްވީ ޑޫކް އޮފް ޔޯކް“ ނަމަކަށް ކިޔާ އެ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށެވެ. މިނިސްޓްރީގެ ޕޯޓަލްއިން ދައްކާގޮތުގައި އެ ސަފާރީގެ ވެރިފަރާތަކީ ޢަބްދުލް މުޙްސިން މޫސާ ނަމަކަށް ކިޔާ މީހެކެވެ. އެ ސަފާރީ އޮޕަރޭޓްކުރަނީ އައިލެންޑް ކްރޫޒް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.
ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަނީ އިޓަލީގެ ފަސް މީހެކެވެ. އެއީ ހަތަރު ފަތުރުވެރިންނާއި އެ ސަފާރީގެ ޑައިވިންގ އިންސްޓްރަކްޓަރެވެ. އޭގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ މިދިޔަ ބުރާސްފަތި ދުވަހު ފެނިފައިވާއިރު، ބާކީ ތިބި ހަތަރު މީހުން އަދިވެސް ނުފެނެއެވެ.
މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު އަޑިން ހޮހަޅައެއްގެ ތެރެއިން ކަމަށާއި، ބާކީ ތިބި ހަތަރު ޑައިވަރުން ވެސް ވަނީ ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ހޮހަޅައިގެ ތެރޭގައި ކަމަށް ލަފާކުރެވޭ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
ރާއްޖޭގައި ޑައިވްކުރަން ހުއްދަ އޮންނަ އެންމެ ފުން މިނަކީ 30 މީޓަރެވެ. ނަމަވެސް އެއަށްވުރެ ފުނަށް އެ މީހުން ފީނަން ޖެހުނު ސަބަބު ހޯދުމަށް ކަމާގުޅުން ހުރި އިދާރާތަކުން އަންނަނީ ބަލަމުންނެވެ.













