Ads by
ޚަބަރު
ދިވެހީންގެ ގޯތީގެ ވަށާފާރު މަތީން ނާރާހާ ހިނދަކު ގުޅުން އޮންނާނެ: މުއިއްޒު
ސަންގު ޓީވީ އާއި ޕީއެސްއެމް ގުޅިގެން ރޭ ކުރިއަށް ގެންދިޔަ ރިޔާސީ ބަހުސްގައި ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ

ދިވެހިންގެ އިންފާރުމަތިން ނާރާހާ ހިނދަކު، އޭނާގެ ވެރިކަމެއްގައި ހުރިހާ ގައުމަކާއެކު ގުޅުން ބާއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Eki Online

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން މެދުގައި ސަންގު ޓީވީން ބޭއްވި ބަހުސްގައި ހާރިޖީ ސިޔާސަތާ ގުޅޭގޮތުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރާނީ ދިވެހިން ކޮންމެ ކަމެއްގައިވެސް އިސްކޮށް ދިވެހިންނަށް ފައިދާވާނެ ގޮތަށް ކަމަށެވެ. ދިވެހިންގެ ގޯތީގެ ވަށާފާރުން ނާރާހާ ހިނދަކު ކޮންމެ ގައުމަކާވެސް ރަނގަޅު ގުޅުމެއް ބާއްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

“އެއްވެސް ގައުމަކާއި ދުރެއް ނުވާނެ. ދިވެހިންގެ ވަށާފާރު މަތިން ނާރާހާ ހިނދަކު ގާތް ގުޅުން އޮންނާނެ. މިނިވަން ކަމާއި ސިޔާދަތާއި އިސްތިގުލާލު ހިފެހެއްޓާނަން. އަބަދުވެސް ގެންގުޅޭނީ ދިވެހިން އިސްކުރާ ސިޔާސަތެއް. މިއީ މިނިވަން މުސްތަގިއްލު ގައުމެއް. މިނިވަންކަމަށް އިޚުތިރާމު ކުރަން ޖެހޭނެ. އެގުޅުން އޮންނަހާ ހިނދަކު އެއްވެސް ބަޔަކާއި ދުރެއް ނުވާނެ.” މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާމެދުގައި ޕްރެޒެންޓަރު ކުރި ސުވާލުގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ ދިވެހިން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. އަދި ފަސް އަހަރު ވަންދެން ޓްރެއިނިންއެއްގައި ކަމަށް ބުނެ، ސިފައިން އައިސް ތިބުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ބޭރު ގައުމާއެކު ކުރާ އެއްބަސްވުން ހާމަ ނުކުރެވޭ ހާލަތެއްގައި ރާއްޖެ އޮތް ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ. ވެރިކަމަށް ވަޑައިގެން އެ ކަންކަން ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.

“ބޭރުގެ ނުފޫޒުގެ ސަބަބުން އަޅުގަނޑުމެން ކަނޑުން ބައެއް ވެސް ގެއްލުނީ. މަސްކަނޑުގެ ބޮޑު ބައެއް ގެއްލިގެން ދިޔައީ މި އަޅުވެތިކަމުގެ ސަބަބުން. އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ އަމިއްލަވަންތަކަން އަނބުރާ ހޯދަން.” މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އިގްތިސާދު ކުރިއަށް ގެންދެވި، އަމިއްލަވަންތަކަން ދަމަހައްޓައި ރައްޔިތުންނަށް ފައިދާ ހުރި ސިޔާސަތަކަށް ހާރިޖީ ސިޔާސަތު ބައްޓަން ކުރައްވާނެ ކަމަށެވެ.

 

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *