މިދިޔަ އަހަރު ވޮޝިންގްޓަން ޑީސީގައި އިޒްރޭލު އެމްބަސީގެ ދެ މުވައްޒަފަކު މަރާލި ކަމުގެ ތުހުމަތު ކުރެވޭ މީހާއަށް މަރުގެ އަދަބު ދިނުމަށް އެމެރިކާ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ޑިސްޓްރިކްޓް އޮފް ކޮލަމްބިއާގެ ޔޫއެސް އެޓާނީ ޖީނިން ޕިރޯ ހުކުރު ދުވަހު ވަނީ، އުމުރުން 31 އަހަރުގެ އެލިއަސް ރޮޑްރިގޭޒްގެ މައްޗަށް އުފުލާފައިވާ ޖުމްލަ 13 ދަޢުވާގެ ތެރެއިން ތިން ދަޢުވާއަކަށް މަރުގެ އަދަބު ހޯދުމަށް ގަސްތުކުރާކަމުގެ ނޯޓިސް ހުށަހަޅާފައެވެ.
ޕްރޮސެކިއުޓަރުން ތުހުމަތުކުރާ ގޮތުގައި، 2025 މޭ މަހުގެ ތެރޭގައި ރޮޑްރިގޭޒް ވަނީ ކެޕިޓަލް ޔަހޫދީ މިއުޒިއަމް ބޭރުގައި ތިބި ޔަހޫދީ ދެމަފިރިއަކަށް ބަޑިން ހަމަލާދީ، އޭނާ ހައްޔަރުކުރި ވަގުތު ”ފްރީ ފަލަޞްޠީން“ އޭ ބާރަށް ގޮވާފައެވެ.
ބަޑިޖެހުމަށްފަހު، ރޮޑްރިގޭޒް މިއުޒިއަމްގެ ތެރެއަށް ވަދެ، ރަތް ކުލައިގެ ފަލަޞްޠީނު ރަމްޒުކޮށްދޭ ކޫފިއްޔާއެއް ދައްކާލައި، ”މިކަން އަހަރެން ކުރީ ފަލަޞްޠީނަށްޓަކައި، މިކަން އަހަރެން ކުރީ ޣައްޒާއަށްޓަކައި“ ބުނި ކަމަށް ތުހުމަތު ކުރެވެއެވެ.
މީގެ އިތުރުން، ރޮޑްރިގޭޒް ”އެކްސްޕްލިކޭޝަން“ ގެ ނަމުގައި ލިޔުމެއް ތައްޔާރުކޮށް، ފަލަސްތީނަށް ތާއީދުކޮށް، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން ނައްތާލަން މަސައްކަތްކުރާ ކަމަށް ދަޢުވާކޮށްފައިވާ ކަމަށްވެސް ޕްރޮސެކިއުޓަރުން ބުނެއެވެ.













