ޅ. ހިންނަވަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޅ. ހިންނަވަރު / ޝޭޑީސައިޑް، އަޙްމަދު ޒިޔާދު އާދަމް (38އ) އާއި، ޅ. ހިންނަވަރު / ނޭޒާ، މާޖިދު މުޙައްމަދު (30އ) ގެ އިތުރުން ޅ. ހިންނަވަރު / ދިލްސާދުގެ، މުޙައްމަދު އިބްރާހީމް (51އ) އެވެ.
މި ތިން މީހުން ހައްޔަރުކޮށްފައިވަނީ މި ހިނގާ މެއި މަހުގެ 13 ވަނަ ދުވަހު، ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ކޯޓު އަމުރެއްގެ ދަށުން އެ މީހުން ތިބި ގެ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 21 ރަބަރު ޕެކެޓާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ބައެއް އާލާތްތައް ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެމީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ. އެގޮތުން އަޙްމަދު ޒިޔާދު އާދަމް 15 ދުވަހަށް، މާޖިދު މުޙައްމަދު 4 ދުވަހަށް އަދި މުޙައްމަދު އިބްރާހީމް 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.












