މާލޭގެ ބައެއް ސަރަހައްދުތަކުގައި ބާއްވަމުންދާ އެއްވުންތަކާ ގުޅިގެން އާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވަމުންދާާތީ، ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމާއި، ”ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު“ ގެ ދަށުން ލިބިދީފައިވާ ހައްގުތައް، ގާނޫނީ އިމުގެ ތެރެއިން އެއްވެސް ތަފާތުކުރުމެއް ނެތި ހިމާޔަތްކޮށްދިނުމުގައި ފުލުހުން ދެމިއޮންނާނެ ކަމަށެވެ.
ނަމަވެސް، މާލޭގެ ބައެއް މަގުތަކުގައި ކުރިއަށްދާ އެއްވުންތަކާ ގުޅިގެން މަގުތައް ބަންދުވެ، އާންމު ދަތުރުފަތުރުގެ ނިޒާމަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށާއި، ވިޔަފާރިތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާކަމުގެ ޝަކުވާ ލިބެމުންދާކަން ފުލުހުން ފާހަގަކުރެއްވިއެވެ. ގާނޫނު ބުނާގޮތުން އެއްވުންތައް އިންތިޒާމުކުރާ ފަރާތްތަކުން އާންމު ރައްކާތެރިކަމާއި އެހެން ފަރުދުންގެ ހައްގުތަކަށް އިހުތިރާމު ކުރަންޖެހެއެވެ.
#MPSPressStatement: 171-A(C1)/PS/2026/04 – Sul'haverikamaaeku evve ulhumaai sul'haverikamaaeku evve ulhumuge minivankamuge gaanoonah amalukurumaa gulheygothun MPS in nerey bayaan https://t.co/RrBXPaxD4b pic.twitter.com/ayAT1IkX40
— Maldives Police (@PoliceMv) May 14, 2026
ފުލުހުންގެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ފުލުހުންގެ ލިޔުމުން ލިބޭ ހުއްދައެއް ނެތި މާލޭގައި އެއްވުމެއް ނުވަތަ ހިނގާލުމެއް ބޭއްވޭނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީން ކަނޑައަޅައި އިއުލާންކޮށްފައިވާ ސަރަހައްދުތަކުގައި އެކަނި ކަމަށެވެ.
”ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި، އާންމު ރައްޔިތުންގެ ހައްގުތަކަށް އުނިކަންލިބޭ ގޮތަށް ބާއްވާ އެއްވުންތަކަށް ފުރުސަތެއް ނުދެވޭނެ،“ ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށާއި، އެފަދަ ކަންކަން އިންތިޒާމުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދެއްވާފައެވެ.
މީގެ އިތުރުން، ގާނޫނާ އެއްގޮތަށް ބާއްވާ ހަރަކާތްތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީ، އެ ސަރަހައްދުތަކުގެ މަގުތައް ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަންވެސް އެ މުއައްސަސާއިން ވަނީ ދެއްވާފައެވެ. ފުލުހުން އިލްތިމާސްކުރައްވަނީ އަސާސީ ހައްގުތަކުގެ ބޭނުންހިފުމުގައި އެހެން މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެހެން އަމަލުކުރުމަށެވެ.













