ނިއުދިއްލީ – އިންޑިއާގައި ކަނާއަތު ފިޔައިގެ ހިންދޫ ޤައުމިއްޔަތުގެ ހަރުކަށި ފިކުރުގެ މީހުން މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް އިންތިހާއަށް އިތުރުވެފައިވާކަން އާ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. ”އިންޑިއާ ޕަރސިކިއުޝަން ޓްރެކަރ“ ގެ ހިސާބުތަކުން ދައްކާގޮތުގައި، 2026 ވަނަ އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި އެކަނިވެސް، ދީނީ ނަފްރަތުގެ ސަބަބުން ހިންގި ޙަމަލާތަކުގައި 13 މުސްލިމަކު ވަނީ މަރާލާފައެވެ.
Horrific scene from India!! A Muslim was beheaded by a Hindu because of parking lot disagreement. https://t.co/q7QqzMNk0d
— Dr. Usman Hamza (@toothdoctor___) April 9, 2026
ޙަމަލާތަކުގެ ތަފްޞީލާއި އަމާޒުކުރި ފަރާތްތައް
މި ޙަމަލާތައް ހިންގާފައިވަނީ އިންޑިއާގެ އަށް ސްޓޭޓެއްގައެވެ. މި ޙަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި 15 އަހަރުގެ ކުޑަކުއްޖަކާއި، 65 އަހަރުގެ މީހެއްގެ އިތުރުން ދެ އަންހެނުން ހިމެނެއެވެ. މި ލާއިންސާނީ ޙަމަލާތައް ދީފައިވަނީ ހިންދޫ ހަރުކަށި ފިކުރުގެ ޖަމާޢަތްތަކަށް ނިސްބަތްވާ މީހުންނެވެ.
ސަރުކާރުގެ ސިޔާސަތުތަކާއި ޤާނޫނީ ރައްކާތެރިކަން
ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޖަމާޢަތްތަކުން ފާހަގަކުރާ ގޮތުގައި، މިފަދަ ޙަމަލާތައް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ގެންގުޅޭ ތަފާތުކުރުން ބޮޑު ސިޔާސަތުތަކާއި، މުސްލިމުންނާ ދެކޮޅަށް އުފައްދާ ނަފްރަތެވެ. ސިޔާސީ މާހިރުން ބުނާގޮތުގައި، ހިންދޫ ހަރުކަށި ފިކުރުގެ މީހުންނަށް ސަރުކާރުގެ ތެރެއިން ސިޔާސީ ގޮތުންނާއި ޤާނޫނީ ގޮތުން ހިމާޔަތް ލިބޭކަމުގެ ޔަޤީންކަން އޮތުމަކީ، އެއްވެސް ޖެހިލުމެއްނެތި މިފަދަ ޖަރީމާތައް ހިންގުމަށް ހުޅުވިފައިވާ މަގެކެވެ. ކުށްވެރިންނަށް އަދަބު ނުލިބި ސަލާމަތްވުމަކީ ދައުލަތުން މިކަމަށް ހިތްވަރުދޭކަމުގެ ހެއްކެކެވެ.

ރާއްޖެއަށް ކުރާނެ އަސަރާ ނުރައްކާ
މިފަދަ ނަސްލީ އަދި ދީނީ ތަފާތުކުރުންތަކުގެ ސަބަބުން ހިންގާ ޖަރީމާތަކަކީ މުޅި ދެކުނު އޭޝިއާގެ ސަލާމަތަށް އޮތް ނުރައްކަލެކެވެ. މޯދީ ސަރުކާރުން މުސްލިމުންނާ މެދު ނަފްރަތު އުފައްދާ ބީދައިން ބަސްމަގު ބަހައްޓައި، ގެންގުޅެމުންދާ ތަފާތުކުރުމުގެ ސިޔާސަތާއި އަދި ސަރުކާރަށް ނިސްބަތްނުވާ ހަރުކަށި ޖަމާޢަތްތަކުން މިފަދަ ޢަމަލުތައް ހިންގުމުންވެސް ސަރުކާރުން އެކަން ނުހުއްޓުވުމަކީ ސަރުކާރުގެ ފެއިލިޔާ އާއި މުސްލިމުންނާ މެދު އާންމުކޮށް ދެކޭ ގޮތް ހާމަވާކަމުގެ ހެއްކެކެވެ. ތަޢުލީމާއި ބޭސްފަރުވާއަށް ގިނަ އަދަދެއްގެ ދިވެހިން އިންޑިއާއަށް ދަތުރުކުރާއިރު، ޤައުމުގެ އެތެރޭގެ ހަމަނުޖެހުންތަކަކީ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އަދި އިންޑިއާގެ ނުފޫޒު ރާއްޖެއަށް އޮތް މިންވަރާއި، ސިޔާސީ ބައެއް ލީޑަރުންނާ ބަހައްޓާ ގާތްގުޅުމާއި ގިނަ އަދަދެއްގެ އިންޑިއާ މީހުން ރާއްޖެއަށް އަންނައިރު މިއީ ރާއްޖޭގެ ޤައުމީ ސަލާމަތާއި ނުރައްކަލަށްވެސް އޮތް ބޮޑު ގޮންޖެހުމެކެވެ.









