ފުރަތަމަ 100 ދުވަސް ތެރޭގައި ކެއުމުގެ ހަރަދަށް 30 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ބުނެ ދައްކަމުން ދަނީ ކަނޑައެޅިގެން ދޮގު ވާހަކަ ކަމަށާއި އިދިކޮޅުން އެފަދަ ވާހަކަތައް ފަތުރަކީ ދައްކާނެ އިތުރު ވާހަކައެއް ނެތުމުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އާންމުގެ ފަރާތަކުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނާ ގުޅޭގޮތުން އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަ ފަތުރަމުންދާތަން ފަހަކަށް އައިސް ފެންނަމުންދާ ކަމަށާއި ހަރަދާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަށް އަދި ޖަވާބުދެވިފައިނުވާ ކަމަށެވެ.
އެގޮތުން ގޭގައި ހޭދަކުރެއްވި ދުވަސްތަކަށް 25 މިލިއަން ރުފިޔާ ހަރަދުކޯށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަަ ކަމަށާއި ގޭގައި ހުރީ އަމިއްލަ ހަރަދުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
30 މިލިއަން ރުފިޔާ ކެއުމުގެ ހަރަދަށް ހޭދަކޮށްފައިވާ ކަމަށް ކުރެއްވި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އެއީ ބުއްދި ހަމަޖެހޭ މީހަކަށް ވެސް ގަބޫލު ކުރެވޭނެ ވާހަކައެއް ނޫން ކަމަަށެވެ.
ރައީސް ވިދާޅުވީ މުލިއާގޭގެ ބަޖެޓުގައި ވެސް ކެއުމުގެ ހަރަދަށް ކަނޑައަޅާފައި ވަނީ އަހަރަކު 7 ލައްކަ ރުފިޔާ ކަމަށާއި އެފަދަ ވާހަކަތައް ދައްކަނީ އިދިކޮޅުން ކަމަށެވެ. އެއީ ދައްކާނެ އިތުރު ވާހަކައެއް ނެތުމުން ފަތުރާ ވާހަކަތައް ކަމަށާއި އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރަނީ ދެފުށް ފެންނަ ގޮތުގެ މަތިން ކަމަށް ވިދާޅުވިއެެވެ.