ހުޅުމާލެއާއި މާލެއާ ދޭތެރޭ ދަތުރުކުރާ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅި، އެއާޕޯޓު ލައިޓް ކައިރީ އެކްސިޑެންޓެއް ހިނގުމާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 22:12 އެހައިކަންހާއިރު ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން ބުނި ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވުމުގެ ސަބަބުންނެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ޔަގީންކޮށްދީފައެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.












