ރިޔާޟް / ތެހެރާން – ސައުދީ އަރަބިއްޔާއިން އީރާނުގެ އަމާޒުތަކަށް ސިއްރު އަސްކަރީ ޙަމަލާތަކެއް ދޭން ފަށާފައިވާ ކަމަށް ބުނާ ރިޕޯޓްތަކާއެކު، މެދުއިރުމަތީގެ މަސްލަޙަތު ވަނީ މުޅިން ބަދަލުވެފައެވެ. މިއީ ސަރަޙައްދީ ހަނގުރާމަ ފުޅާވެ، ދެ ބާރުގެ ދެމެދުގައި ސީދާ އަސްކަރީ ކުރިމަތިލުންތަކަކަށް މަގުފަހިވެފައިވާ ކަމުގެ ނިޝާނެކެވެ.
ޔޫ.އޭ.އީގެ ޙަމަލާތަކާއި ހަނގުރާމަ ފުޅާވުން
މި ހާލަތުގެ ނުރައްކާތެރިކަން އިތުރަށް ބޮޑުވެގެންދަނީ، ޔޫނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން ވެސް ސިއްރު ގޮތެއްގައި އީރާނަށް ވަރުގަދަ ޙަމަލާތަކެއް ދީފައިވާ ކަމަށް ބުނާ ރިޕޯޓްތަކާ ގުޅިގެންނެވެ. ގަލްފުގެ ދެ ބާރުން އެއްވަގުތެއްގައި އީރާނަށް ފިއްތުންތައް ކުރިމަތިކުރުމުގެ ސަބަބުން، އެމެރިކާއާއި އީރާނާ ދެމެދު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ގަލްފުގެ ޤައުމުތަކާއި އީރާނާ ދެމެދު ސީދާ ބޮޑު ހަނގުރާމައެއް ފެށުމުގެ ބިރު މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
ޢަރަބި ވެރީން ފަލަސްޠީނު މަތީން އެއްކޮށް ހަނދާން ނައްތާލީބާ؟
ސަޢޫދީ ޢަރަބިއްޔާއާއި ޔޫ.އޭ.އީ އިން އީރާނުގެ އަމާޒުތަކަށް ދެމުންދާ ވަރުގަދަ އަސްކަރީ ޙަމަލާތަކުން އެ ޤައުމުތަކުގެ ވައިގެ ބާރުގެ ޤާބިލުކަން ހާމަވެގެންދާއިރު، ފަލަސްޠީނުގެ މައްސަލައިގައި އެ ޤައުމުތަކުން ގެންގުޅޭ ހިމޭން އަދި ގިނަފަހަރު އެމެރިކާޔާ އިޒްރޭލު ކޮޅަށް ބުރަވާ ހަރުކަށި ސިޔާސަތަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ގަލްފުގެ ބާރުތަކުން އީރާނާ ދެކޮޅަށް އެންމެ ޒަމާނީ ހަތިޔާރާއި ޓެކްނޮލޮޖީ ބޭނުންކުރާއިރު، ފަލަސްޠީނުގެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމުގައި އެއްވެސް ކުރިއެރުމެއް ހޯދިފައެއް ނުވެއެވެ.
ޤާބިލުކަން ހުރި ނަމަވެސް އަމަލެއް ނެތް: އީރާނަށް ޙަމަލާދިނުމުގެ ފަންނީ އަދި އަސްކަރީ ޤާބިލުކަން ހުރިކަން ސާބިތުކޮށްދިން ނަމަވެސް، އިޒްރޭލުން ފަލަސްޠީނުގައި ހިންގާ ނަސްލު ފޮހެލުމުގެ ޖަރީމާތައް ހުއްޓުވުމަށް އެފަދަ ބާރެއް ބޭނުންކޮށްފައެއް ނުވެއެވެ.
70,000 އަށްވުރެ ގިނަ މަރު: ޣައްޒާގައި ޝަހީދުވި މުސްލިމުންހެ އަދަދު 70,000 އަށްވުރެ މައްޗަށް ގޮސްފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މި ބޮޑު ގަތުލުޢާންމު ހިނގަމުންދާއިރު ޢަރަބި ޤައުމުތަކުން ތިބީ ބަލާށެވެ.
މަސްލަޙަތު އިސްކުރުން: ފަލަސްޠީނުގެ ރައްޔިތުންގެ ފުރާނައަށްވުރެ، ”އީރާނުގެ ނުރައްކާ“ ކުޑަކުރުމުގެ ސިޔާސީ މަސްލަޙަތު އެ ޤައުމުތަކުން އިސްކުރާކަމުގެ ތުހުމަތު މިހާރު ވަނީ ވަރަށް ބޮޑުވެފައެވެ.












