ހޮރްމޫޒް ކަނޑުއޮޅިން ހަކަތަ ދައުރުވާ ގޮތް ކޮންޓްރޯލް ކުރުމުގެ ގާބިލުކަން އީރާނަށް ލިބިފައިވާކަން ހާމަކޮށްދޭ ގޮތުން، ގަލްފުން ތެލާއި ލިނުއިފައިޑް ނެޗުރަލް ގޭން (އެލްއެންޖީ) ބޭރުކުރުމަށްޓަކައި އިރާޤާއި ޕާކިސްތާނުން އީރާނާއެކު އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށް މަޞްދަރުތަކާއި ހަވާލާދީ ރޮއިޓާސް ނޫހުން ރިޕޯޓުކޮށްފިއެވެ.
އެމެރިކާ-އިޒްރޭލުން އީރާނާއެކު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ސާފުނުކުރާ ތެލާއި އެލްއެންޖީގެ 20 އިންސައްތަ އާންމުކޮށް ފޯރުކޮށްދޭ މެދުއިރުމަތިން ހަކަތަ ބޭރުކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
ފާއިތުވި ހަފުތާތަކުގައި އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށްފައިވާއިރު، އޮކްސްފޯޑް އިންސްޓިޓިއުޓް ފޯ އެނާޖީ ސްޓަޑީޒްގެ ކްލައުޑިއޯ ސްޓީއާ ބުނެފައިވާ ގޮތުގައި އީރާނުން ކުރިން ކަނޑުއޮޅީގެ ދަތުރުފަތުރު ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް މިހާރު އެ އުސޫލު ވަނީ ބަދަލުވެފައެވެ.
”އީރާނުން މިހާރު ހޮރްމޫޒް ބަންދުކުރުމުގެ ބަދަލުގައި އެ ތަނުން ވަދެނިކުމެވާ ގޮތް ކޮންޓްރޯލް ކުރަން ވަނީ ފަށާފައި… ހޮރްމޫޒަކީ މިހާރު މިނިވަން ދަތުރުފަތުރުގެ މަގެއް ނޫން، އެއީ ކޮންޓްރޯލް ކުރެވިފައިވާ ކޮރިޑޯއެއް،“ އޭނާ ބުނެފައިވެއެވެ.
އިރާޤުގެ ސާފުނުކުރާ ތެޔޮ އެކްސްޕޯޓް ކުރާ ބޮޑުބަޔަކީ އާންމުކޮށް މި ކަނޑުއޮޅިން ދަތުރުކުރާ އެއްޗަކަށް ވުމުން، ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރި ގައުމުތަކުގެ ތެރޭގައި އިރާޤު ހިމެނެއެވެ. ހަމައެއާއެކު މި ހަނގުރާމައިގައި މެދުވެރިއެއްގެ ދައުރު އަދާކުރަން މަސައްކަތްކުރާ ޕާކިސްތާނަކީ ގަލްފުގެ ހަކަތައަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމަކަށް ވެފައި، ތެލުގެ އަގު އުފުލުމުގެ ސަބަބުން އެ ގައުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.














