މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލުން ރަށުގެ މަގުތައް ހަދައިދިނުމަށާއި އެ ރަށުން އޭޓީއެމްގެ ޚިދުމަތް ލިބޭނެ ގޮތް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން އެދިވަޑައިގެންފިއެވެ.

ރައީސް، ފޭދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު އެ އަތޮޅު ކަނޑިތީމު ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ މައިގަނޑު ކަންކަން ރައީސް އާ ހިއްސާކުރައްވާފައެވެ. އެގޮތުން ރަށްގިރުމުގެ މައްސަލަ އާއި މަގު ހެދުމަށް ބޭނުންވާ ކަމަށާއި ޒުވާނުންގެ މަރުކަޒެއް ގާއިމުކުރުމަށް ބޭނުންވާ ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ކުޅިވަރުގެ ދާއިރާ އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާ ކަމަށާއި އޭޓީއެމްގެ ޚިދުމަތް ރަށަށް ބޭނުންވާ ކަމަށާއި ބޯހިޔާވަހިކަން އިތުރުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ސްކޫލުގެ ކްލާސް ރޫމުތައް އޭސީކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރަމަޟާން މަހު ކަރަންޓު ފީ އިން ލުޔެއް ލިބޭނެ ގޮތް ހަދައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ފޭދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ކޮމެޓީގެ މަސައްކަތް ކުރާނެ ވަކި އޮފީހެއް ނެތްކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެ ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.











