ބާވެ ހަލާކުވުމުގެ ސަބަބުން ކުނޑިކޮށްފައިވާ ރަންދިހަފަހެއް ސީރީސްގެ ނޫޓުތަކުގެ ކުނޑި ބޭނުންކޮށްގެން އުފެއްދުންތައް ތައްޔާރުކުރުމުގެ މުބާރާތައް ރަޖިސްޓަރީ ވެވޭނީ މާދަމާގެ ނިޔަލަށް ކަމަށް އެމްއެމްއޭއިން ބުނެފިއެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި އެ މުބާރާތުގެ މަގުސަދަކީ ކުނޑިކޮށްފައިވާ ފައިސާއިން މާނަވީ އުފެއްދުންތަކެއް ތައްޔާރުކޮށްގެން އެއަށް އާ ދިރުމެއް ގެނެސްދިނުމެވެ. އެގޮތުން މި މުބާރާތް ކުރިއަށް ދަނީ ދެ ކެޓަގަރީ އަކަށް ބަހައިލައިގެންނެވެ. އެއީ ކުނޑިކޮށްފައިވާ ނޫޓުތައް ބޭނުންކޮށްގެން އާޓްވޯކް ތައްޔާރުކުރުމާއި ހަނދާނެއްގެ ގޮތުގައި ބެހެއްޓޭނެ ”ސުވެނިއާ“ ފަދަ ތަކެތި ޑިޒައިންކޮށް އުފެއްދުމެވެ.
މި މުބާރާތުގައި ސްވެނިއާގެ ގޮތުގައި ޑިޒައިން ކުރާނީ އެމްއެމްއޭ އިން ރަސްމީ ހަދިޔާގެ ގޮތުގައި ބޭނުންކުރެވޭނެ ފަދަ އެއްޗެއްް ކަމަށް އެ އޮތޯރީޓީން ބުންޏެވެ. އަދި އާޓްވޯކް އުފެއްދުމުގައި ކުނޑިކޮށްފައިވާ ފައިސާއަކީ އެ އާޓްވޯކެއް އުފެއްދުމުގައި ބޭނުންކުރާ އަސާސީ މާއްދާއަށް ވާންވާނެއެވެ.
މި މުބާރާތުން ހޮވާލެވޭ އެންމެ މޮޅެތި އުފެއްދުންތައް މި އަހަރު ޖުލައިގައި އެމްއެމްއޭއިން ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ދައްކާލުމަށް ބަހައްޓާނެއެވެ.
މިއީ ދިވެހީންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. ވަކިވަކި ފަރުދުންނަށް ވެސް، ޓީމެއްގެ ގޮތުގައި ވެސް އަދި ވިޔަފާރިތަކަށް ވެސް މުބާރާތުގައި ބައިވެރިވެވޭނެއެވެ. އަދި ބޭނުންނަމަ ދެ ކެޓަގަރީގައި ވެސް ވާދަކުރެވޭނެއެވެ.
މުބާރާތުގެ ދެ ކެޓަގަރީއަށް ވެސް ފައިސާގެ އިނާމުތަކެއް ކަނޑައެޅިފައިވާއިރު ސްވެނިއާ ޑިޒައިންކުރުމުން ވަނަ ވަނަ އަށް ހޮވޭ ފަރާތްތަކަށް އެމްއެމްއޭއާއެކު ވަކި އެއްބަސްވުމުގެ ދަށުން ސްވެނިއާ އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އެ މުބާރާތުގައި ބައިވެރިވުމަށް އެމްއެމްއޭގެ ވެބްސައިޓުގައިވާ އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް ފުރިހަމަކުރުމަށްފަހު currency.section@mma.gov.mv އަށް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.











