ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމަށް ކަނޑައެޅި ވަގުތު ޖެހުނުއިރު، ޖަލްސާ ކުރިއަށްގެންދިއުމަށް ބޭނުންވާ އަދަދަށް މެންބަރުން ހާޒިރުނުވުމުގެ ސަބަބުން މިއަދުގެ ޖަލްސާ ކެންސަލްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އާންމު ގޮތެއްގައި ބާއްވަނީ ހެނދުނު 09:00 ގައި ކަމަށްވީ ނަމަވެސް، މެންބަރުން ހަމަނުވުމުގެ ސަބަބުން މިއަދުގެ ޖަލްސާ ހެނދުނު 10:00 ގައި ބޭއްވުމަށް ފަސްކުރިއެވެ. އެގޮތުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވީ، ޖަލްސާ ފެށުމަށްޓަކައި ކޯރަމް ރަނގަބީލު ޖެހުމުން ވެސް، ޖަލްސާ ކުރިއަށްގެންދެވޭ ވަރަށް މެންބަރުން ހާޒިރުވެވަޑައިގެންފައިނުވާ ކަމަށެވެ.
”މިއަދުގެ މަޖިލިސް ފަށަން ބެލިއިރުގައި ޖަލްސާގެ ކޯރަމް ހަމަނުވާތީ، ކޯރަމް ރަނގަބީލު ޖެހީމަ ވެސް ކޯރަމް ހަމަނުވާތީ އަޅުގަނޑު ގަސްތުކުރަނީ ޖަލްސާ ފެށުން 10 ޖަހާއިރަށް ފަސްކުރަން،“ – ނާޒިމް ވިދާޅުވިއެވެ.
ނަމަވެސް 10:00 ވީއިރު ވެސް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ އަދަދަށް މެންބަރުން ހާޒިރުނުވާތީ މިއަދުގެ ޖަލްސާ ކެންސަލްކުރުމަށް ނިންމާފައިވާ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. މިއާއެކު މަޖިލީހުގެ ޖަލްސާއެއް ދެން ބާއްވާނީ މާދަމާ ހެނދުނު 09:00 ގައި ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން ޖަލްސާއެއް ކުރިއަށްގެންދެވޭނީ މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުން ޖަލްސާއަށް ހާޒިރުވުމުންނެވެ.












