އެމެރިކާ އަދި އީރާނުގެ ދެމެދުގައި ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށްޓަކައި، މަޝްވަރާކޮށް ހުށަހަޅާ ހުށަހެޅުންތަކުގެ ސިލްސިލާގެ ތެރެއިން ފާއިތުވެދިޔަ އާދިއްތަ ދުވަހު އީރާނުން ހުށަހަޅާފައިވާ ޕްރޮޕޯސަލް ޤަބޫލު ނުކުރާނެކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑު ޓުރަމްޕު ބުނެފިއެވެ.
އީރާނުންވެސް އެމީހުންގެ ޑިމާންޑު ތަކުގައި ގޮތްދޫނުރާ ގޮތައް ބަސްމަގު ބައްޓަން ކުރަމުންދާއިރު ހަޤީޤީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމައްޓަކައި ހުރަސްކުރަން ޖެހޭ އެތަކެއް މައްސަލަތަކެއް ވާއިރު މި ބަލާލަނީ އޭގެތެރެއިން އެންމެ މުހިއްމު ނުކުތާ ތަކަށެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް:
އެމެރިކާއާއި އީރާނުގެ ހަނގުރާމަ ފެށުމުގެ ކުރިންވެސް އެމެރިކާއިން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު މިފަހުން ކުރިއަށްދާ މަޝްވަރާތަކުގައިވެސް މިކަމުގެ ވާހަކަ ދެކެވެމުން ދެއެވެ. ހަނގުރާމަ ފެށުމުގެ ކުރިން އޮމާނު މެދުވެރިއަކަށްވެ އޮވެ ކުރިއަށް ދިޔަ މަޝްވަރާތަކުގައި އީރާނުން އެމީހުން އެންރިޗްކޮށްފައިވާ ޔޫރޭނިއަމް ތެލަށް ބަދަލުކުރުމަށް އެއްބަސްވެ، ބޮމެއް ހެދުމަށް ބޭނުންވާ މާއްދާތައް ނުގެންގުޅުމަށްވެސް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާއިން ހުށަހެޅި 14 ނުކުތާގެ ޕްރޮޕޯސަލްގައިވެސް އީރާނުން ބިންގަރާސްތަކުގައި ހަދާފައިވާ ނިއުކްލިއާ ފެސިލިޓީތައް ދޫކޮށް، އަލިފްދާލުގެ ނިއުކްލިއާ ވޮޗްޑޯގަށް ތަހުޤީޤުކުރުމަށް އެތަންތަން ހުޅުވާލުން ހިމެނެއެވެ. އޭގެ ބަދަލުގައި އެމެރިކާއިން ވަނީ އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ހުއްޓާލައި ފްރީޒްކޮށްފައިވާ އެތައް ބިލިޔަން ޑޮލަރެއްގެ ފަންޑުތައް ދޫކޮށްލުމަށެވެ.
ހޮރްމޫޒް ކަނޑުއޮޅި:
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ނަމެއްގައި މެދުކަނޑާލާފައި އޮތް ނަމަވެސް ފަހަކަށް އައިސް ހޮރްމޫޒް ކަނޑުއޮޅީގައި ކުރިމަތިލުންތައް އިތުރުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި އީރާނާއި އެމެރިކާއިންވެސް ދަނީ ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކަނޑުދަތުރުފަތުރުގެ މަގުތައް ބަންދުކޮށްގެން އެކަން ދަމަހައްޓަމުންނެވެ.
އީރާނުން އެންމެ ފަހުން ހުށަހެޅި ހުށަހެޅުމުގައި، އެމެރިކާއިން އެ ސަރަހައްދު ބަންދުކޮށްގެން ހިންގާ ”ކަނޑުފޭރުމުގެ“ އަމަލުތައް ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ. މިއާއެކު އެމެރިކާއިން އަދިވެސް ބާރުއަޅަމުންދަނީ އީރާނުން އެ ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އާއްމު މުދާ އުފުލާ އުޅަނދުފަހަރަށް އެ ބައިނަލްއަގުވާމީ ކަނޑުގެ މަގު ފުރިހަމައަށް ހުޅުވާލުމަށެވެ.
އެމެރިކާއިން ހުށަހަޅާފައިވާ ގޮތުގައި 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ދެ ފަރާތުންވެސް މަޑުމަޑުން މަސްރަހު ފިނިކުރުމަށް ހުށަހަޅާފައި ވެއެވެ. މީގެ ތެރޭގައި ގަލްފު ސަރަހައްދުން ސިފައިން ބޭރުކުރުމާއި ބޮޑެތި ޚިޔާލުތަފާތުވުންތައް ހުރި މައްސަލަތަކަށް ޑިޕްލޮމެޓިކް ފެންވަރުގައި ހައްލު ހޯދުން ހިމެނެއެވެ.
ލުބުނާނުގެ ހަނގުރާމަ ހުއްޓާލުން:
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުގެ މަދަދުލިބޭ ހިޒްބުﷲ ޖަމާއަތާއި އިޒްރޭލުގެ ސިފައިންނާ ދެމެދު ކުރިމަތިލުންތައް ކުރިއަށްދާ ލުބުނާނުގެ މަސްރަހުގައި ހަނގުރާމަ ހުއްޓުމަށް އެ ޤައުމުން ވަނީ ބާރުއަޅާފައެވެ. އެމެރިކާ މެދުވެރިވެގެން އޭޕްރިލް 16 ގައި އިއުލާނުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެކުވެސް، ދެކުނު ލުބުނާނުގައި އިޒްރޭލާއި ޝީޢީ ހިޒްބުﷲ އާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓުމަކަށް އައިސްފައެއް ނުވެއެވެ.
ނަތަންޔާހޫ މިދިޔަ ހަފްތާ ބަންދުގައި ’60 މިނިޓްސް‘ އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އީރާނާ އެކު އޮތް ދެކޮޅުވެރިކަން ނިމުމަކަށް އައި ނަމަވެސް، އޭގެ މާނައަކީ ލުބުނާނުގައި ކުރިއަށްދާ ހަނގުރާމަ ކޮންމެހެން ނިމުމަކަށް އައުން ނޫން ކަމަށެވެ.




