މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމުގެ މަގާމަށް ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ފަރާތުން ވާދަކޮށް ނާކާމިޔާބުވި، އާޝިޔަތު އަލައިކާ އަދުނާނު ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކޮށްފިއެވެ.
”އެކި އެމްވީ“ އަށް މައުލޫމާތު ލިބިފަިއވާ ގޮތުގައި ސްޓޭޓް މިނިސްޓަރުގެ މަގާމަށް އަލައިކާ އައްޔަންކުރީ މިއަދުގެ ވަގުތެއްގައެވެ. ނަމަވެސް މިކަމުގައި ސަރުކާރުގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.
ހުސްވި އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރި އަލައިކާގެ މައްޗަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރި އައިޝަތު ރީޝާ ވަނީ ބޮޑުތަނުން ކުރި ހޯދައިފައެވެ.
އިންތިހާބުން ބަލިވުމާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި އަލައިކާ ބުނެފައިވަނީ، އޭނާގެ ”މި ދަތުރަކީ“ ހަމައެކަނި މަގާމެއް ހޯދުމަށް ކުރި މަސައްކަތެއް ނޫން ކަމަށެވެ. އެއީ އެތަކެއް ބައެއްގެ ހައްގުގައި އަދި ހަމަހަމަ ފުރުސަތުތަކާއި މާލީ މިނިވަންކަން ހޯދައިދިނުމަށް ކުރި މަސައްކަތެއް ކަމަށް އޭނާ ބުނެފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އަލައިކާ އައްޔަންކޮށްފައިވާއިރު، ސަރުކާރުން ވަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސިޔާސީ މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް ފަށައިފައެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ވަޒީފާތަކަށް މީހުން އައްޔަންކުރުމުގައި ތައުލީމާއި ތަޖުރިބާއަށް ބެލުމަށްފަހުގައި މެނުވީ ސަރުކާރުގެ ވަޒީފާތަކަށް މީހުން އައްޔަން ނުކުރައްވާނެ ކަމަށެވެ.












