އިސްލާމީ ޝަރީޢަތް ބާވައިލެއްވިފައިވާ މައިގަނޑު ފަސް މަޤްޞަދު ކަމުގައިވާ: ދީނާއި، ނަފްސާއި، ބުއްދިއާއި، ނަސްލާއި އަދި މުދާ ރައްކާތެރިކުރުމުގެ ތެރެއިން، އިންސާނާގެ ޒާތީ ދިރިއުޅުމާ އެންމެ ބޮޑަށް ގުޅިފައިވާ އެއްކަމަކީ އޭނާގެ ނަފްސުގެ ޙުރުމަތުގެ ތެރެއިން އޭނާގެ އަބުރެވެ. އިސްލާމްދީނުގައި އަބުރަކީ މީހާގެ ދަރަޖައިން، މޮޅުކަމަކުން ނުވަތަ މުދަލުން ހޯދާ އެއްޗެއް ނޫނެވެ. އެއީ މާތްﷲ އިންސާނާ އުފެއްދެވި އިރު އޭނާއަށް ދެއްވާފައިވާ މަތިވެރި ކަރާމާތެކެވެ. އަދި އެ އަބުރު ރައްކާތެރިކުރުމަކީ ވާޖިބެކެވެ.
އަބުރަކީ މާތްﷲ ދެއްވާފައިވާ މަތިވެރި ނިޢުމަތެކެވެ. ކީރިތި ޤުރުއާނުގައި އިންސާނީ ކަރާމާތް ބަޔާންކުރައްވާފައިވަނީ އެއީ ވަކި ބަޔަކަށް ލިބޭ އިމްތިޔާޒެއްގެ ގޮތުގައެއް ނޫނެވެ. ނަމަވެސް އެއީ ކޮންމެ އިންސާނަކަށްމެ ލިބިދޭ ޙައްޤެކެވެ.
މާތްﷲ ވަޙީކުރައްވާފައިވެއެވެ: ”وَلَقَدْ كَرَّمْنَا (އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ މާތްކުރެއްވީމެވެ.) بَنِي آدَمَ (އާދަމުގެދަރިން.)“ (އަލްއިސްރާ: 70) މިއާޔަތުގައި ބޭނުންކުރައްވާފައިވާ “ كَرَّمْنَا“ (މާތްކުރެއްވީމެވެ) މިލަފްޒަކީ އެއްވެސް ޝަރުޠަކާ ނުލައި އިންސާނާ މާތްކުރައްވާފައިވާ މިންވަރު ހާމަކޮށްދޭ ލަފްޒެކެވެ. އިބްނު ކަޘީރުގެ ތަފްސީރުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، މިއާޔަތް ހުރިހާ އިންސާނުންނަށް ޢާއްމުވެގެންވެއެވެ. މިއީ ހަމައެކަނި މުއުމިނުންނަށް އޮތް ކަމެއް ނޫނެވެ. އެހެންކަމުން، މީހެއްގެ އަބުރަށް އަރައިގަތުމަކީ މާތްﷲ މަތިވެރިކުރައްވާފައިވާ ކަމަކަށް އުނިކަން ގެނައުމެވެ.
ޙައްޖަތުލް ވަދާޢުގެ ޚުޠުބާ
އިސްލާމްދީނުގައި އަބުރަށް ދީފައިވާ މަތިވެރި މަޤާމު ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅުތަކުން ވަރަށް ސާފުކޮށް ބަޔާންވެގެންވެއެވެ. އެކަލޭގެފާނު ޙައްޖަތުލް ވަދާޢުގެ ޚުޠުބާގައި ޢަރަފާތު ބިމުގައި އިޢުލާނުކުރެއްވިއެވެ: ” فَإِنَّ اللَّهَ حَرَّمَ عَلَيْكُمْ دِمَاءَكُمْ وَأَمْوَالَكُمْ وَأَعْرَاضَكُمْ، كَحُرْمَةِ يَوْمِكُمْ هَذَا فِي شَهْرِكُمْ هَذَا فِي بَلَدِكُمْ هَذَا “ .“ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެޔާއި، ތިޔަބައިމީހުންގެ މުދަލާއި، ތިޔަބައިމީހުންގެ އަބުރަކީ، ތިޔަބައިމީހުންގެ މި ދުވަސް (ޢަރަފާތް ދުވަސް)، މިމަސް (ޙައްޖުމަސް) އަދި މި ރަށް (މައްކާ) ޙުރުމަތްތެރިވެގެންވާ ފަދައިން، ތިޔަބައިމީހުންގެ މެދުގައި މާތްﷲ ޙުރުމަތްތެރި ކުރައްވާފައިވާ ކަންކަމެވެ.“ (ބުޚާރީ އަދި މުސްލިމް)
ކީރިތި ރަސޫލާ ﷺ އަބުރުގެ މަޤާމު އެއްވަރުކުރެއްވީ، އިންސާނީ މުޖުތަމަޢުތަކުގައި އެންމެ ބޮޑަށް ރައްކާތެރިކުރެވޭ ދެ ކަންތައް ކަމުގައިވާ މީހާގެ ފުރާނައާއި މުދަލާއެވެ. އަދި އެއަށްފަހު އެ ތިން ކަމުގެ މާތްކަން އިތުރަށް ހާމަކޮށްދެއްވުމަށްޓަކައި، ޢަރަފާތް ދުވަހާއި، ޛުލްޙިއްޖާ މަހާއި، އަދި މައްކާގެ މަތިވެރިކަމާ އެކަންކަން އެއްވަރުކުރެއްވިއެވެ. މިއީ އެކަލޭގެފާނުގެ ބަސްފުޅު އަޑުއަހަން ތިބި މީހުންގެ ކުރިމަތީގައި އެންމެ ޙުރުމަތްތެރިވެގެންވާ ކަންކަމެވެ. މިއީ ވަރަށް ފުން މާނައެއް އެކުލެވޭ އަޅާކިޔުއްވުމެކެވެ. އަބުރަކީ ހަމައެކަނި މުހިންމު އެއްޗެއް ނޫނެވެ. އެއީ މާތްވެގެންވާ މުޤައްދަސް އެއްޗެކެވެ!
ދޫ: އަބުރަށް އަރައިގަތުމަށް ބޭނުންކުރެވޭ ހަތިޔާރެއް
ދުލުން ކުރެވޭ ފާފަތަކާ ގުޅޭގޮތުން ވަރަށް ތަފްޞީލީ ގޮތެއްގައި ޢިލްމުވެރިން ބަހުސްކުރައްވާފައިވެއެވެ. މީހެއްގެ އަބުރަށް އަރައިގަތުމަށް ބޭނުންކުރެވޭ އެންމެ އާންމު ވަސީލަތަކީ ދުލެވެ. ކީރިތި ޤުރުއާނުގައި މިކަން ވަރަށް ސާފުކޮށް ބަޔާންކުރައްވާފައިވެއެވެ.
މާތްﷲ ވަޙީކުރެއްވިއެވެ. يَا أَيُّهَا الَّذِينَ آمَنُوا (އޭއީމާންވެއްޖެ މީސްތަކުންނޭވެ!) اجْتَنِبُوا (ކަލޭމެން ދުރުވެގަންނާށެވެ!) كَثِيرًا مِّنَ الظَّنِّ (ގިނަހީކުރުންތަކުން.) إِنَّ بَعْضَ الظَّنِّ (ހަމަކަށަވަރުން ބައެއްހީއެއީ.) إِثْمٌ (ފާފައެވެ.) وَلَا تَجَسَّسُوا (އަދި ކަލޭމެން ޖާސޫސު ނުކުރާށެވެ!) وَلَا يَغْتَب (އަދި ޣީބާ ނުކިޔާށެވެ!) بَّعْضُكُم بَعْضًا (ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް.) أَيُحِبُّ أَحَدُكُمْ (ކަލޭމެންކުރެ އެކަކުވެސް ލޯބިކުރަމުހެއްޔެވެ؟) أَن يَأْكُلَ (ކެއުމަށް.) لَحْمَ أَخِيهِ (އޭނާގެ އަޚުގެމަސް.) مَيْتًا (މުޅަވެފައިވާ ޙާލު.) فَكَرِهْتُمُوهُ (ފަހެ ކަލޭމެން އެކަމަށް ނުރުހޭނެއެވެ.) (އަލްޙުޖުރާތު: 12)
މިއާޔަތުގައި ބޭނުންކުރައްވާފައިވާ މިސާލަކީ އިންސާނާގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރުވާނޭ ފަދަ މިސާލެކެވެ. އިމާމް ނަވަވީ އެކަލޭގެފާނުގެ ”ރިޔާޟުއްޞާލިޙީން“ ގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ޣީބަ ބުނުމަކީ (އެބަހީ މީހަކާ ބެހޭގޮތުން އޭނާ ނުރުހޭނޭ ފަދަ ވާހަކައެއް ދެއްކުމަކީ) އެ ދައްކާ ވާހަކައަކީ ތެދު ވާހަކައެއް ކަމުގައި ވިޔަސް ޙަރާމް ކަމެކެވެ. އަދި އެއީ ދޮގު ވާހަކައެއް ނަމަ، އެކަން ބުހުތާން ދޮގަށް ބަދަލުވެއެވެ. އެއީ މާ ބޮޑުވެގެންވާ ފާފައެކެވެ.
ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: ”މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާ އެ އަޚާއަށް އަނިޔާއެއް ނުކުރާނެއެވެ. އަދި ޢަދާވާތްތެރިންނާ އޭނާ ޙަވާލެއްވެސް ނުކުރާނެއެވެ. މީހަކު އޭނާގެ އަޚާގެ ބޭނުމެއް ފުއްދައިދިނުމަށް މަސައްކަތްކުރާނަމަ، މާތްﷲ އޭނާގެ ބޭނުންތައް ފުއްދަވާދެއްވުމުގައި ދެމިގޮވެގެންވާނެއެވެ. އަދި މުސްލިމެއްގެ މުސީބާތްތަކުގެ ތެރެއިން މުސީބާތެއް ދުރުކޮށްދީފި މީހަކަށް މާތްﷲ ޤިޔާމަތްދުވަހުން މުސީބާތްތަކުގެ ތެރެއިން މުސީބާތެއް ދުރުކޮށް ދެއްވާނެއެވެ. އަދި މުސްލިމެއްގެ ޢައިބު ފޮރުވައިދީފި މީހާގެ ޢައިބު، ޤިޔާމަތް ދުވަހުން މާތްﷲ ފޮރުވައިދެއްވާނެއެވެ.“ (ބުޚާރީ އަދި މުސްލިމް)
އެހެންކަމުން، އަބުރު ރައްކާތެރިކުރުމަކީ ހަމައެކަނި ފަރުދީ ކަމެއް ނޫނެވެ. އެއީ މުޅި މުޖުތަމަޢުގެ މައްޗަށް އޮތް ބޮޑުވެގެންވާ ވާޖިބެކެވެ.
ދޮގު ތުހުމަތު އެޅުވުމުގެ ނުރައްކާތެރިކަން
އިސްލާމީ ޝަރީޢަތުގައި އަބުރު ރައްކާތެރިކުރުމަށް ކަނޑައަޅާފައިވާ އެންމެ ވަރުގަދަ އެއް އުޞޫލަކީ ’ޤަޛްފު‘ ނުވަތަ ޢިއްފަތްތެރި މީހެއްގެ ބޮލުގައި ޒިނޭގެ އިލްޒާމް އެޅުވުމާ ގުޅޭ ޙުކުމެވެ. ކީރިތި ޤުރުއާނުގައި މިކަމަށް ’ޙައްދު‘ ކަނޑައަޅުއްވައި ވަޙީކުރައްވާފައިވެއެވެ:
وَالَّذِينَ يَرْمُونَ الْمُحْصَنَاتِ )އަދި މުސްލިމް ޢިއްފަތްތެރި އަންހެނުންނަށް ޒިނޭގެ ތުހުމަތު ކުރާމީހުން.( ثُمَّ لَمْ يَأْتُوا (ދެން އެމީހުން ނުގެނައިނަމަ). بِأَرْبَعَةِ شُهَدَاءَ )ހަތަރުހެކިން.( فَاجْلِدُوهُمْ )ފަހެ ކަލޭމެން އެމީހުންގައި ޙައްދު ޖަހާށެވެ!) ثَمَانِينَ جَلْدَةً (އަށްޑިހަ އެތިފަހަރު.) وَلَا تَقْبَلُوا لَهُمْ (އަދި ކަލޭމެން އެމީހުންގެ ކިބައިން ޤަބޫލު ނުކުރާށެވެ!) شَهَادَةً أَبَدًا (ދުވަހަކުވެސް ހެކިބަހެއް.) وَأُولَـٰئِكَ هُمُ (ކަނޑައެޅިގެން އެމީހުން އެއީ.) الْفَاسِقُونَ (ފާސިޤުންނެވެ!)
މިއާޔަތުގައި މިފަދަ ތުހުމަތުތައް ކުރާ މީހުންނަކީ ’ފާސިޤުން‘ ނުވަތަ އަޚްލާޤީ ގޮތުން ފަސާދަވެފައިވާ ބައެއްގެ ގޮތުގައި ސިފަކުރައްވާފައިވެއެވެ. އިމާމް ޝާފިޢީ އާއި އިމާމް މާލިކް ފަދަ ބޮޑެތި ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި، މި އަދަބު ކަނޑައެޅިފައިވަނީ ހަމައެކަނި ބިރުދެއްކުމަކަށް ނޫނެވެ. ނަމަވެސް، އެއީ މީހެއްގެ ޢިއްފަތާއި އަބުރަކީ އެހާވެސް މުޤައްދަސް އެއްޗެއްކަން އިޢުލާނުކުރެއްވުމަށެވެ. އެހެންކަމުން، އެއްވެސް ހެއްކެއް ނެތި މީހެއްގެ އަބުރަށް ތުހުމަތުކުރުމަކީ ދައުލަތުގެ ފަރާތުން އަދަބުދެވޭނެ ބޮޑު ކުށެކެވެ.
ބަދަލު ހިފުމުގެ ޙައްޤު – އާޚިރަތުގައިވެސް
އިމާމް ޣަޒާލީ އެކަލޭގެފާނުގެ ’އިޙްޔާއު ޢުލޫމުއްދީން‘ ގައި ބަޔާންކުރައްވާފައިވާ ގޮތުގައި، އަބުރަށް އަރައިގަތުމަކީ ޤިޔާމަތް ދުވަހުން އިލާހީ ޢަދުލުއިންޞާފުގެ ކުރިމަތީގައި ސާފުކުރަންޖެހޭ ދަރަންޏެކެވެ. މާތްﷲ ގެ ޙައްޤުތަކަށް އުނިކަން އައުމުން އިޚްލާޞްތެރި ތައުބާއަކުން ފާފަ ފުއްސެވިދާނެއެވެ. ނަމަވެސް، މީހެއްގެ އަބުރާ ގުޅިފައިވާ ފާފަތައް ފުއްސެވުމަށްޓަކައި، އެމީހެއްގެ އަބުރު އަލުން އިޢާދަކޮށްދިނުން ނުވަތަ އެ މީހެއްގެ ފަރާތުން މަޢާފަށް އެދުން މަޖުބޫރެވެ.
ކީރިތި ރަސޫލާ ﷺ އިންޒާރު ދެއްވާފައިވެއެވެ: مَنْ كَانَتْ لَهُ مَظْلَمَةٌ لأَحَدٍ مِنْ عِرْضِهِ أَوْ شَىْءٍ فَلْيَتَحَلَّلْهُ مِنْهُ الْيَوْمَ، قَبْلَ أَنْ لاَ يَكُونَ دِينَارٌ وَلاَ دِرْهَمٌ ”މީހެއްގެ އަބުރަށް ނުވަތަ އެ ނޫންވެސް ކަމެއްގައި އެމީހެއްގެ އަޚާއަށް އަނިޔާވެރިވެފައިވާ މީހާ، ދީނާރެއް ނުވަތަ ދިރުހަމެއް (ފައިސާއެއް) ނުވާނޭ ދުވަސް (ޤިޔާމަތް ދުވަސް) އައުމުގެ ކުރިން، މިއަދު އެމީހެއްގެ ކިބައިން މަޢާފަށް އެދޭ ހުށިކަމެވެ.“ (ޞަޙީޙުލް ބުޚާރީ)
މި ޙަދީޘްފުޅުގައި ”މިއަދު“ ކަމަށް ބަޔާންކުރައްވާފައި އެވަނީ މި ދުނިޔަވީ ޙަޔާތަށެވެ. ޤިޔާމަތް ދުވަހުގެ ފައިސާއަކީ ހެޔޮ ޢަމަލުތަކެވެ. އެހެންކަމުން، މީހެއްގެ އަބުރު ފޭރިގަނެފައިވާ މީހާއަށް، އެ ދުވަހުން އޭނާގެ ހެޔޮ ޢަމަލުތައް ހުސްވެ، ބަނގުރޫޓުވާން ޖެހިދާނެއެވެ.
އަމިއްލަ އަބުރު ދިފާޢުކުރުން
ދޮގު އިލްޒާމުތަކުން އަމިއްލަ އަބުރު ދިފާޢުކުރުމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެންވާ ޙައްޤެކެވެ. އަދި ބައެއް ޙާލަތްތަކުގައި އެއީ ވާޖިބެއްގެ ގޮތުގައިވެސް ޢިލްމުވެރިން ބަޔާންކުރައްވައެވެ.
ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: مَنْ رَدَّ عَنْ عِرْضِ أَخِيهِ بِالْغَيْبِ, رَدَّ اَللَّهُ عَنْ وَجْهِهِ اَلنَّارَ يَوْمَ اَلْقِيَامَةِ ”މީހަކު ނެތް ތަނެއްގައި އޭނާގެ އަޚާގެ އަބުރު ދިފާޢުކޮށްދީފި މީހާގެ މޫނު، ޤިޔާމަތް ދުވަހުން ނަރަކައިގެ އަލިފާނުން މާތްﷲ ރައްކާތެރިކޮށްދެއްވާނެއެވެ.“ (ތިރްމިޛީ – ޙަސަން ޙަދީޘެއް)
މީގެ އިތުރުން، އަބުރު ދިފާޢުކުރުމުގެ ތެރޭގައި މަރުވާ މީހަކީ ޝަހީދެއްގެ ގޮތުގައި ބެލެވޭނެކަން އަބޫ ދާއޫދާއި އެނޫންވެސް ބޭކަލުން ރިވާކުރައްވާފައިވާ ޙަދީޘްތަކުން އެނގެއެވެ. މިއީ އަމިއްލައަށް ޤާނޫނު އަތަށް ނެގުމެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ މުޖުތަމަޢެއްގައި މީހެއްގެ އަބުރު ގެއްލިގެން ދިއުމަކީ އިސްލާމީ ތަމައްދުނު ބިނާވެފައިވާ އިޖުތިމާޢީ އޮނިގަނޑު ހަލާކުވެގެންދާނެ ކަމެއްކަން ބަޔާންކޮށްދިނުމެކެވެ.
ނިންމުން
އިސްލާމްދީނުގައި އަބުރަކީ ހަމައެކަނި ފަޚުރެއް ނުވަތަ ސަޤާފީ ރީތި ނަމެއް ނޫނެވެ. އެއީ މާތްﷲ މުޤައްދަސް ކުރައްވާފައިވާ، އިންސާނާގެ ރޫޙާ ގުޅިފައިވާ މުހިންމު ބަހާއެކެވެ. ކީރިތި ރަސޫލާ ﷺ ވަނީ އެންމެ މަތިވެރި ބަސްފުޅުތަކުން އަބުރުގެ މުޤައްދަސްކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި ފިޤުހު ޢިލްމުވެރިން ވަނީ ޝަރުޢީ އަދި އަޚްލާޤީ ހަމަތަކުގެ މަތިން އެކަން ދިފާޢުކުރައްވާފައެވެ. ދޫ ރައްކާތެރިކުރުމާއި، ޝައްކާއި ވަހުމް ފެތުރުމުން ދުރުހެލިވުމާއި، މީހަކު ނެތް ތަނެއްގައި އޭނާގެ އަބުރު ދިފާޢުކުރުމަކީ މުސްލިމަކަށް ކުރެވޭނެ އެންމެ މަތިވެރި އަޅުކަންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި އެއާ ޚިލާފަށް އަބުރަށް އަރައިގަތުމަކީ، މާތްﷲ ޙުރުމަތްތެރި ކުރައްވާފައިވާ އެއްޗެއް ފޭރިގަތުމުގެ ސަބަބުން އެކަލާނގެ ކުރިފުޅުމަތީގައި ޖަވާބުދާރީވާންޖެހޭނެ ބޮޑުވެގެންވާ ފާފައެކެވެ.
ﷲއަށް ބިރުވެތިވާށެވެ. ތިބާގެ އަބުރަށް، ތިބާގެ އަނބިދަރިންގެ ޙުރުމަތަށް އެދޭފަދައިން، އަނެއް މުސްލިމު އަޚާއަށްވެސް އެދޭށެވެ. އީމާންކަން ފުރިހަމަވާނީ އޭރުންނެވެ.
اللهم أرنا الحق حقاً وارزقنا اتباعه وأرنا الباطل باطلاً وارزقنا اجتنابه.




