ނުގަވައިދުން އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 57 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސަޢީދު މި މޭރުމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަޢީދު ވިދާޅުވީ، ރާއްޖޭގައި ނުގަވައިދުން އުޅޭ ބިދޭސީން ހޯދަން އެކުލަވާލި ޓާސްކް ފޯހުގައި އެ މިނިސްޓްރީގެ އިތުރުން އިމިގްރޭޝަނާއި، ފުލުހުންގެ އިތުރުން ކަމާގުޅޭ މިނިސްޓްރީތައް ހިމެނޭ ކަމަށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ މިހާތަނަށް 242 ތަނެއް ބަލައި ފާސްކޮށް އޭގެތެރެއިން 102 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ބިދޭސީންނާ ގުޅޭ 409 އެއްހައި ޝަކުވާ ވެސް ލިބިފައިވާ ކަމަށް ސަޢީދު ވަނީ ވިދާޅުވެފައެވެ.
ބަންދު ކުރި ވިޔަފާރިތަކުގެ ތެރެއިން ޖުމުލަ 57 ތަނަކީ ނުގަވައިދުން ހިންގަމުންދިޔަ ވިޔަފާރިތަކެއްކަން ފާހަގަކުރައްވަމުން ސަޢީދު ވިދާޅުވީ، އޭގެ ތެރޭގައި ސެލޫން އަދި ސްޕާގެ ގޮތުގައި ހިންގާ 45 ތަނެއް ހިމެނޭ ކަމަށެވެ.
މިނިސްޓަރު ސަޢީދު އިތުރަށް ވިދާޅުވީ، ބަންދު ކުރި ވިޔަފާރިތަކުގެ ތެރެއިން ވަރަށް ކުދިކުދި މައްސަލަތަކާ ގުޅިގެން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރަން އަންގައި، އެކަންކަން ރަނގަޅުކުރުމުން 61 ތަން އަލުން ހުޅުވަން ހުއްދަ ދީފައިވާނެ ކަމަށެވެ.












