Sunday, 26 July 2026

Ads by

ނުހަނު މަދުން ނޫނީ އަދަބު ނުދީ، އިންސާފު ގާއިމުކުރާ ނިޒާމު: ސެކިއުލާ އަދި އިސްލާމީ ޖިނާއީ ޢަދުލުގެ ނިޒާމުގެ މެދުގައިވާ އަޅާކިޔުމެއް!

އެކި ގްރެފިކްސް ރާއިޤް

ކޮންމެ ތަހުޒީބީ މުޖުތަމަޢެއްގެ ޢަދުލުއިންޞާފުގެ ތަޞައްވުރުގައި އެންމެ މުހިންމު އެއް ސުވާލަކީ: ޤާނޫނުން އަދަބުދެނީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލަށް ސެކިއުލާ ނިޒާމުތަކާއި އިސްލާމީ ޝަރީޢަތުން ދޭ ޖަވާބުތަކަކީ އޮނިގަނޑުގެ ގޮތުން އެހާވެސް ތަފާތު ދެ ޖަވާބެކެވެ. ކުރުގޮތަކަށް ދެނިޒާމު އަޅާކިޔާލަމާ ހިނގާށެވެ.

ސެކިއުލާ ޖިނާއީ ޢަދުލުގެ ނިޒާމަކީ، އޭގެ އެންގްލޯ-އެމެރިކަން އަދި ކޮންޓިނެންޓަލް ބާވަތްތަކުގައިވެސް، މުއައްސަސާއެއްގެ ގޮތުގައި ބަލާއިރު ”ކުށް ސާބިތުކުރާ މެޝިނެއް“ ކަމަށް ބެލިދާނެއެވެ. އެ ނިޒާމުގެ ކާމިޔާބީ މިނަނީ ކުށް ސާބިތުކުރެވޭ ނިސްބަތުންނެވެ. ޕްރޮސިކިއުޓަރުންނަށް މަޤާމުގެ ކުރިއެރުން ލިބެނީ އެ ނިސްބަތަށެވެ. ސިޔާސީ މީހުން ކެމްޕޭން ކުރަނީ އެ ނިސްބަތުގެ މައްޗަށެވެ. ބަދަލުހިފުމާއި، ބިރުދެއްކުމާއި، އިޞްލާޙުކުރުމާއި، ކުށްކުރުމުގެ ފުރުޞަތު ނައްތާލުމަކީ އެ ނިޒާމުގެ މަޤްޞަދުތައް ކަމަށް ބުންޏަސް، މި ލަނޑުދަނޑިތައް އަބަދުވެސް ހުންނަނީ އެކަތި އަނެކައްޗާ ފުށުއަރާފައެވެ. އިޞްލާޙުކުރުމާއި ބަދަލުހިފުން ދަނީ ދެ ދިމާލަށެވެ. ކުށްކުރުމުގެ ފުރުޞަތު ހަނިކުރުމުގެ ނަމުގައި މީހުންނަށް އަދަބުދެނީ މުސްތަޤުބަލުގައި އެމީހުން ކޮށްފާނެ ކަމަށް ހީވާ ކަމަކަށެވެ. އަދި ބިރުދެއްކައިގެން ކުށްކުރުން ހުއްޓުވުމުގައި ގިނަފަހަރު މިނިޒާމު ނާކާމިޔާބުވެއެވެ. މި ނިޒާމަކީ އަސާސީ ގޮތުން ކޮން ކަމަކަށް އޮތް އެއްޗެއްކަން އެ ނިޒާމަށް އަދިވެސް ކަށަވަރެއް ނުވެއެވެ.

އޮނިގަނޑުގެ ގޮތުން އެ ނިޒާމު އެންމެ ”މޮޅީ“ މީހުންގެ މައްޗަށް ކުށް ސާބިތުކޮށް، އެމީހުން ޖަލަށްލައި ބަންދުކުރުމަށެވެ. މީގެ ނަތީޖާއަކީ، ޚާއްޞަކޮށް އެމެރިކާ ފަދަ ޤައުމުތަކުން ފެންނަ ފަދައިން، ސިނާޢަތެއްގެ ގޮތުގައި މީހުން ޖަލަށްލުމާއި، ނިކަމެތިންނާއި ހަވާސާވެފައިވާ ނަސްލުތަކުން މިލިއަނުން މީހުންގެ މައްޗަށް އަނިޔާވެރިވެ، އެމީހުންގެ ދިރިއުޅުން ހަލާކުވެގެން ދިއުމެވެ.

އިސްލާމީ ޖިނާއީ ޢަދުލުގެ ނިޒާމު ބިނާވެފައިވަނީ މުޅިން ތަފާތު އަސާސެއްގެ މައްޗަށެވެ. އޭގެ މައިގަނޑު މަޤްޞަދަކީ އަދަބުދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި، އޭގެ މަޤްޞަދަކީ އިންސާނާގެ މަޞްލަޙަތުތައް ހިމާޔަތްކުރުމެވެ. އެއީ: ނަފްސު (ފުރާނަ)، ޢަޤްލު (ބުއްދި)، ނަސްލު (ނަސަބު)، މާލު (މުދާ) އަދި ދީން އެވެ. މިއީ ”މަޤާޞިދުއް ޝަރީޢާ“ ނުވަތަ ޝަރީޢަތުގެ މަޤްޞަދުތަކެވެ. ޖިނާއީ އަދަބުތައް ކަނޑައެޅިފައިވަނީ ބަދަލުހިފުމުގެ ޝުޢޫރެއް ފުއްދާކަށް ނޫނެވެ. ނަމަވެސް، މި ދެންނެވި ޟަރޫރީ ކަންކަން ރައްކާތެރިކުރުމަށެވެ. އަދަބުދިނުމަކީ އެންމެ ފަހުގެ ވަޞީލަތެވެ. އެއީ ނިޒާމުގެ ކާމިޔާބީގެ ވަޒަންކުރާ މިންގަނޑެއްވެސް ނޫނެވެ.

މި ފަލްސަފާއަކީ ހަމައެކަނި ފޮތްތަކުގައި އޮތް ތިއަރީއެއް ނޫނެވެ. މިއީ އިސްލާމީ ޖިނާއީ ޢަދުލުގެ މުޅި އޮނިގަނޑު އޭގެ މައްޗައް ބިނާވެފައިވާ ފުރިހަމަ ނިޒާމެކެވެ.

އަދަބު ދިނުން އިންތިހާއަށް އުނދަގޫކޮށްފައި އޮތުން

ޙައްދުތަކަކީ؛

ޒިނޭކުރުމާއި ވައްކަންކުރުން ފަދަ ބޮޑެތި ފާފަތަކަށް ކަނޑައެޅިފައިވާ އުޤޫބާތްތަކަކީ، ބޮޑެތި އަދަބުތަކެކެވެ.

ނަމަވެސް، އެ އަދަބުތައް ތަންފީޛުކުރުމަށް ބޭނުންވާ ޝަރުޠުތަކަކީ އާދަޔާޚިލާފަށް ހަރުކަށި، އަދި ގަޞްދުގައި އެކަން އެގޮތަށް ބޭއްވިފައިވާ ޝަރުޠުތަކެކެވެ. މިސާލަކަށް ޒިނޭގެ މައްސަލައެއްގައި، ހެޔޮލަފާ ހަތަރު ފިރިހެނުން އެ ”ޢަމަލު“ ހިނގަނިކޮށް ސީދާ ލޮލުން ދެކެންޖެހެއެވެ. ހަމައެކަނި އެ މަޙައްލުގައި ތިބުމަކުން ނުފުދެއެވެ. އެމީހުންގެ ހެކިބަސް އެއްގޮތްވާންޖެހެއެވެ. ކިތަންމެ ކުޑަ ނުގުޅުމެއް ހުއްޓަސް މައްސަލަ ބާޠިލުވާނެއެވެ. އަދި ހަތަރު މީހުން ހަމަނުވެ ހެކިބަސް ދީފިނަމަ، ހެކިބަސް ދިން މީހުންގެ މައްޗަށް ޤަޛްފުގެ ޙައްދު (ތުހުމަތުކުރުމުގެ އަދަބު) ހިނގާނެއެވެ. ތާރީޚީ ގޮތުން ބަލާއިރު، ޒިނޭގެ ސަތޭކައަށްވުރެ ގިނަ މައްސަލަތަކުގެ ތެރެއިން، ހެކިންގެ ހެކިބަހުގެ މައްޗަށް ބިނާކޮށް ރަޖަމްކުރުމުގެ އަދަބު ދީފައިވަނީ ވަރަށް މަދު ޙާލަތެއްގައެވެ. މިއީ ނިޒާމުގެ އުނިކަމެއް ނޫނެވެ. މިއީ ނިޒާމު ރޭވިފައިވާ ފުރިހަމަ ގޮތެވެ.

ކީރިތި ރަސޫލާ ﷺ ގެ އިރުޝާދުތައް

ޝަރީޢަތުގެ މި ރޫޙު އެންމެ ފުރިހަމައަށް ފެންނަނީ ކީރިތި ރަސޫލާ ﷺ ގެ ޢަމަލުފުޅުތަކުންނެވެ. މާޢިޒް ބިން މާލިކް އަމިއްލައަށް ވަޑައިގެން ޒިނޭގެ ކުށަށް އިޢުތިރާފުވެ، ޠާހިރުވުމަށް އެދުމުން، ރަސޫލާ ﷺ އެކަލޭގެފާނަށް ފުރަގަސްދެއްވައި، އެ އިޢުތިރާފުން ރުޖޫޢަވުމުގެ ފުރުޞަތު އެތައް ފަހަރަކު ދެއްވިއެވެ. މާޢިޒް އެކަމުގައި ދެމިހުރުމުންވެސް، ރަސޫލާ ﷺ އެ ސުވާލެއް ނުކުރައްވައެވެ: އެ އަންހެން މީހާއީ ކާކު ހެއްޔެވެ؟ އެކަލޭގެފާނު އެ އަންހެން މީހާ ހޯއްދަވާކަށް، ނަން އޮޅުންފިލުއްވާކަށް، ނުވަތަ ޙާޟިރުކުރާކަށް މަސައްކަތެއް ނުކުރައްވައެވެ. އަނެއް ފަރާތް ބޭއްވީ އިލާހީ ރަޙުމަތުގެ ރައްކާތެރިކަމާއި ސިއްރުވެރިކަމުގެ ތެރޭގައެވެ.

ހަމައެފަދައިން، މާބަނޑުވެފައިވާ އަންހެނަކު އައިސް އިޢުތިރާފުވުމުންވެސް، ރަސޫލާ ﷺ އެ ސުވާލެއް ނުކުރައްވައެވެ: އެ ފިރިހެން މީހާއީ ކާކު ހެއްޔެވެ؟ އެކަލޭގެފާނު އެކަން ތަޙުޤީޤެއް ނުކުރައްވައެވެ، އަދި އެ މީހަކު ފަޟީޙަތެއްވެސް ނުކުރައްވައެވެ.

ކުރީގެ ފިޤުހުވެރިން މި ޙާދިޘާތަކުން ބޮޑެތި ޤާނޫނީ އުޞޫލުތަކެއް ނެންގެވިއެވެ. އެއީ: ޤާނޫނުން ކުށް ހޯދަން ފަހަތުން ނުދުވާނެ ކަމެވެ. ﷲ ދެއްވާފައިވާ ފަރުދާ ނުވަތަ ސިއްރުވެރިކަމަކީ (ސިތުރު) ރަޙުމެކެވެ. ޝަރުޢީ ތަޙުޤީޤަކުން އެ ފަރުދާ ކަހާލައިގެން ނުވާނެއެވެ. އަދި އެކަކު އިޢުތިރާފުވުމަކީ އަނެކަކު ހޯދައި ތަޙުޤީޤުކުރުމަށް އޮތް މަޖުބޫރުކަމެއް ނޫނެވެ. އިސްލާމީ ނިޒާމަކީ ކުށްވެރިން ހޯދަން ”ޝިކާރައަށް“ ނުކުންނަ ނިޒާމެއް ނޫނެވެ. އެއީ މަޖުބޫރުވެގެން ނޫނީ އިޖާބަދޭ ނިޒާމެއް ނޫނެވެ. މިއީ ސެކިއުލާ ޕްރޮސިކިއުޝަން މޮޑެލްއާ މުޅިން ޚިލާފު ކަމެކެވެ. އެ ނިޒާމުގައި ދައުލަތުން އަމިއްލައަށް ކުށް މީސްތަކުންގެ ޒާތީ ފަރުދާ ކަހާލައި، ތަޙުޤީޤުކޮށް، ހެކި އެއްކޮށް، ކުށް ސާބިތުކުރުމަށް ބާރުއަޅައެވެ. އިސްލާމީ މޮޑެލްގައި، ފަނޑިޔާރުގެ ދައުރަށް ދަނީ އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ.

ރަޙްމަތެއްގެ ގޮތުން ކުށްތައް ފަރުދާކުރުމުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް

ކުށަކަށް އިޢުތިރާފުވުމަށް އެކަލޭގެފާނުގެ އަރިހަށް އައި މީހަކަށް ޙަދީޘްކުރެއްވިއެވެ: ”ތިބާގެ ފޭރާމުން އެކަން ނިވާކުރިނަމަ، އެގޮތް ތިބާއަށް މާ ހެޔޮކަން ބޮޑުވީހެވެ.“ އިލާހީ ފަރުދާ ނުވަތަ ’ސިތުރު‘ ކުރުމަކީ އިސްލާމީ ޝަރީޢަތުގައި ހަމައެކަނި ހުއްދަ ކަމެއް ނޫނެވެ. އެއީ ނުހަނު ބާރުއަޅުއްވާފައިވާ ކަމެކެވެ. އިލާހީ ރަޙްމަތްފުޅުން ކަމެއް ފަރުދާކުރައްވާފައި ވަނިކޮށް، އަމިއްލައަށް އެކަމެއް ފާޅުކުރުމަކީ އިސްލާމީ ނަޒަރިއްޔާތުގައި އެ ރަޙްމަތަށް ހުރަސްއެޅުމެވެ. ﷲ ތަޢާލާ ސިއްރުކުރައްވާފައިވާ ކަމެއް ހޯދައި ބެލުމަކީ އިސްލާމީ ޝަރީޢަތް އެދޭ ގޮތެއް ނޫނެވެ.

ހަމައެފަދައިން، އަނެކުންގެ ސިއްރުތައް ހޯދައި ބެލުމަކީވެސް އިސްލާމީ ނިޒާމު ބާރުއަޅާ ކަމެއް ނޫނެވެ. މުސްލިމް އަޚެއްގެ އައިބުތައް ފާޅުނުކުރުމަށް ކީރިތި ރަސޫލާ ﷺ ވަނީ ސަރީޙަ ބަހުން އިންޒާރު ދެއްވާފައެވެ.

ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ: ”މުސްލިމެއްގެ އައިބެއް ފޮރުވައިދީފި މީހެއްގެ އައިބު، ޤިޔާމަތް ދުވަހުން ﷲ ތަޢާލާ ފޮރުވައިދެއްވާނެއެވެ“ (ޞަޙީޙް މުސްލިމް).

މިއީ ހަމައެކަނި އަޚްލާޤީ ނަޞޭޙަތެއް ނޫނެވެ. މިއީ އިސްލާމީ އަޚްލާޤުގެ ވަރަށް މުހިންމު އަސާސެކެވެ. މީގެ މާނައަކީ، ކުށްތައް ހޯދައި، ފާޅުކޮށް، ތަޙްޤީޤުކޮށް، ދަޢުވާ އުފުލުމުގެ ވިސްނުމަކީ އިސްލާމީ ނިޒާމުގެ ތެރޭގައި ބާރުއަޅާ ކަމެއް ނޫން ކަމެވެ. މިއީ ކުށްތައް ހޯދައި އަދަބު ދިނުމަށް މުއައްސަސާއީ ގޮތުން ފަރުމާކޮށްފައިވާ ސެކިއުލާ ދަޢުވާކުރުމުގެ ނިޒާމާ މުޅިން ޚިލާފު، އިސްލާމީ ޝަރީޢަތުގެ ޚާއްޞަ ސިފައެކެވެ.

ކީރިތި ޤުރުއާނުގައި މުޖުތަމަޢުގެ ފެންވަރުގައި މިކަމަށް ބާރުއަޅުއްވާފައިވެއެވެ. ސޫރަތުއް ނޫރުގެ 19 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ: ”ހަމަކަށަވަރުން، އީމާންވި މީހުންގެ ތެރޭގައި ހުތުރުކަން ބޮޑުވެގެންވާ ފާފައިގެ ވާހަކައާއި، ޢަމަލު ފެތުރިގެންދިއުމަށް ލޯބިކުރާ މީހުންނަށް، ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޛާބު ހުއްޓެވެ.“

ޤުރުއާނުގައި ހަމައެކަނި ފާޙިޝް ކަންތައްތައް މަނާކުރެއްވީއެއް ނޫނެވެ. އޭގެ ބަދަލުގައި، އެފަދަ ކަންކަމުގެ ވާހަކަ ދައްކައި ފެތުރުންވެސް ވަނީ މަނާކުރައްވާފައެވެ. ފާފަތައް އިޢުލާނުކުރުމާއި، އަޚްލާޤީ ގޮތުން މީހުންނަށް ކުރެވޭ ކުށްތަކަކީ މުޖުތަމަޢުގެ ސަމާލުކަން ހޯދުމަށް ދައްކާ ވާހަކަތަކަކަށް ހެދުމާއި، އަދި އަމިއްލަ ދިރިއުޅުމުގައި ކުރެވޭ ކުށްތަކަކީ އަނެކުންގެ އަބުރު ކުޑަކުރުމަށް ބޭނުންކުރާ ހަތިޔާރަކަށް ހެދުމަކީ އިލާހީ ކޯފާއާއި އިންޒާރު އެކަމަށް އޮތް ކަންކަމެވެ.

ސެކިއުލާ ނިޒާމުތަކުގައި ފެންނަނީ މީގެ މުޅިން އިދިކޮޅު މަންޒަރެކެވެ. އެފަދަ ނިޒާމުތަކުގައި ކުރެވޭ ތުހުމަތުތަކަކީ ޢާންމު ރެކޯޑުތަކެވެ. ޝަރީޢަތްތައް ހިންގަނީ ހުޅުވާލެވިގެންނެވެ. އަދި އަޚްލާޤީ އަދި ޖިންސީ ކުށްތަކުގެ ޚަބަރުތައް ފެތުރުމަކީ ހަމައެކަނި ހުއްދަ ކަމެއް ނޫނެވެ؛ އެއީ ވިޔަފާރީގެ އުޞޫލުން ފައިދާ ހޯދުމަށް ކުރާ ކަމެއްވެސް މެއެވެ. އެފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހާގެ ކުށް ސާބިތުވިޔަސް ނުވިޔަސް، އެމީހެއްގެ އަބުރު ކުޑަވެގެންދެއެވެ. ނަމަވެސް އިސްލާމީ ނިޒާމުގައި، އެފަދަ ކަންކަމުގެ ވާހަކަ ދެއްކުމަކީވެސް އަޚްލާޤީ ގޮތުން އޮތް ނުރައްކަލެއް ކަމުގައި ބަލައި، އެކަން ވީހާވެސް ކުޑަކުރުމަށް މަސައްކަތްކުރެއެވެ.

ސާބިތުކޮށްދިނުމުގެ މަސްއޫލިއްޔަތު:

ހަމަލާދޭ ކަނޑިއެއް ނޫން، ރައްކާތެރިކޮށްދޭ އައްޑަނައެއްމި ހުރިހާ ކަމެއްގެ ބިންގަލަކީ، ކީރިތި ރަސޫލާ ﷺ ވަރަށް ކުރުކޮށް އަދި ޖާމިޢުކޮށް ބަޔާންކޮށްދެއްވާފައިވާ ހެކިބަސް ގަބޫލުކުރުމުގެ އަސާސީ ގާއިދާއެކެވެ.

އެކަލޭގެފާނު ހަދީޘްކުރައްވާފައިވަނީ: ”ހެކި ދެއްކުމަކީ ދައުވާކުރާ މީހާގެ މައްޗަށް އޮތް ކަމެކެވެ. އަދި ހުވާކުރުމަކީ އިންކާރުކުރާ މީހާގެ މައްޗަށް އޮތް ކަމެކެވެ.“ (ބައިހަޤީ؛ ހަދީޘް އިލްމުވެރިންގެ އަރިހުގައި މިއީ ޞަޙީޙް ޙަދީޘެކެވެ.) މި އުސޫލުގެ މުހިންމުކަން އިތުރަށް ތަފްސީލުކޮށްދެއްވަމުން އެކަލޭގެފާނު ހަދީޘްކުރެއްވި އެވެ: ”ހަމައެކަނި މީހުން ކުރާ ދައުވާތަކަށް ބަލައި އެމީހުންނަށް ކަންކަން ނިންމައިދޭނަމަ، އެއްބަޔަކު އަނެއްބައެއްގެ ލެޔާއި މުދަލަށް ދައުވާކޮށް، އެތަކެތި އަތުލާނެއެވެ.“

އިސްލާމީ ޝަރީއަތަކީ ހަމައެކަނި ތުހުމަތުތަކެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ނޫނެވެ. ދައުވާކުރާ ފަރާތުން އެކަން ސާބިތުކޮށްދޭން ޖެހޭނެއެވެ. އަދި ދައުވާކުރާ މީހާގެ ފަރާތުން ހެކި ހޯދައިދިނުމަކީ ދައުލަތުގެ ޒިންމާއެއް ނޫނެވެ. ކަނޑައެޅިފައިވާ މަތީ މިންގަނޑަށް ހެކި ނުދެއްކޭނަމަ، އެ މައްސަލައެއް ކުރިއަކަށް ނުގެންދެވޭނެއެވެ. އަދި ދޮގު ތުހުމަތުކުރާ މީހާއަށް، ތުހުމަތުކުރެވޭ މީހާގެ ބަދަލުގައި، ގަޒްފުގެ (ދޮގު އިލްޒާމް އެޅުވުމުގެ) އަދަބާ ކުރިމަތިލާން ޖެހިދާނެއެވެ.

ތަދުގެ އަހަރުގެ މިސާލު

ޢުމަރުގެފާނުގެ ޚިލާފަތުގައި، ބޮޑު ތަދެއް ޖެހުނު އަހަރުގައި ވައްކަންކުރާ މީހާގެ އަތްކެނޑުމުގެ ޙައްދު އެކަލޭގެފާނު މެދުކަނޑާލެއްވިއެވެ. މީގެ މާނައަކީ: އަދަބު ދިނުމަކީ ހަމައެކަނި ޢަދުލުވެރި އިޖުތިމާޢީ ނިޒާމެއްގެ ތެރޭގައި ސައްޙަވާނެ ކަމެކެވެ. ވައްކަންކުރާ މީހާގެ އަތްކެނޑުމުގެ ކުރިން، ބަނޑުހައިހޫނުކަމުގެ ސަބަބުން ވައްކަންކުރަން ނުޖެހޭނެ މާޙައުލެއް ޤާއިމުކުރުމަކީ ދައުލަތުގެ މަސްއޫލިއްޔަތެކެވެ. ޝަރީޢަތުން ރައްޔިތުންގެ މައްޗަށް ޒިންމާ އެޅުވުމުގެ ކުރިން، ދައުލަތުގެ މައްޗަށް އެ ޒިންމާ އަޅުވައެވެ.
މިއީ ވަރަށް މުހިންމު ތަފާތެކެވެ: މީހަކު މެރުމާއި ޒިނޭއަކީ އެކައްޗެއް ނޫނެވެ.

މި ހިސާބުން ވަރަށް މުހިންމު ނުކުތާއެއް ސާފުކޮށްދޭން ޖެހެއެވެ. ސަބަބަކީ، މިކަން ސާފުނުކޮށްފިނަމަ، ކުރިން ބަޔާންކުރެވުނު ވާހަކަތަކުން ނުރައްކާތެރި ނުބައި މާނައެއް ނެގިދާނެތީއެވެ. މީގެ މާނައަކީ މީހަކު މަރާލި ގާތިލަކު އޭނާގެ ކުށް ފޮރުވައިފިނަމަ، ދައުލަތުން އޭނާ ހޯދައި އަދަބު ދީގެން ނުވާނެ ބާވައެވެ؟ ސެކިއުލާ ނިޒާމުގެ ޢާޝިޤުންވެސް ތިބޭނީ އެސުވާލުން ”ޖަހާލާ“ ހިތުންނެވެ. އެއްގޮތަކަށްވެސް އެހެނެއް ނޫނެވެ. އެއަށްވުރެ އިސްލާމީ ޖިނާއީ އަދުލުގެ ނިޒާމު މާފުރިހަމައެވެ.

އިސްލާމީ ޖިނާއީ ޢަދުލު މައިގަނޑު ތިން ބަޔަކަށް ބެހިގެންވެއެވެ. އެއީ:

ޙައްދު: މިއީ މާތްﷲ ކަނޑައަޅުއްވާފައިވާ އަޚުލާގީ އިންތަކާ ޚިލާފުވުމުން ދެވޭ، ކަނޑައެޅިފައިވާ އުގޫބާތްތަކެވެ. މީގެ ތެރޭގައި ޒިނޭކުރުމާއި މަސްތުވުންފަދަ ކަންކަން ހިމެނެއެވެ. ﷲގެ ޙައްޤާ ގުޅިފައިވާ ކަންކަމެވެ. މީގައި ޝަރީޢަތާ ހަމައަށް އައުމަށްފަހުގައި އިޚްތިޔާރެއް ނުވެއެވެ.

  1. ޤިޞާޞް: މިއީ މީހަކު މެރުމާއި ޖިސްމާނީ އަނިޔާދިނުމާ ގުޅިގެން ހިފޭ ބަދަލެވެ. މީސްތަކުންގެ ޙައްޤާ ގުޅިފައިވާ ކަންކަމެވެ. މީގައި އިޚްތިޔާރު ލިބިދީފައިވަނީ ޙައްޤު ގެއްލުނު މީހާއަށެވެ.
  2. ތަޢުޒީރު: މިއީ މަކަރާއި ޙީލަތް ހެދުމާއި، ކޮރަޕްޝަނާއި، އާންމު މަސްލަހަތު ނަގާލުމާއި، އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތައް ފަދަ އެހެނިހެން ކުށްތަކަށް ދައުލަތުގެ އިޚުތިޔާރުގައި ކަނޑައަޅާ އަދަބުތަކެވެ.

ކުށް ފޮރުވުމުގެ އުސޫލު (ސިތުރު) އަދި ކުށް ސާބިތުކުރުމަށް އޮންނަ، ގާތްގަނޑަކަށް ސާބިތުކުރަން ނުހަނު އުނދަގޫ މިންގަނޑުތައް ޚާއްޞަވެގެންވަނީ ހަމައެކަނި އަމިއްލަ އަޚުލާގާ ގުޅުންހުރި ޙައްދުގެ ކުށްތަކަށެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑަށް ޒިނޭގެ ކުށަށެވެ. މީގެ ފަހަތުގައިވާ ސަބަބަކީ ވަރަށް ސާފު ކަމެކެވެ. އެއްކަމަކީ ނަފްސުގެ ޙުރުމަތެވެ. ޢަބުރު ރައްކާތެރިކުރުމަށް ދެއްވާފައިވާ އަހައްމިޔަތުކަމެވެ. އަދި އިންސާފަށް އެދި ވަކާލާތުކުރާނެ ވަކި ފަރުދީ މަޒްލޫމެއް (Victim) މިފަދަ ކުށްތަކުގައި ނެތުމެވެ. އެކަލާނގެ ކަނޑައެޅުއްވި އިންތަކާ ޚިލާފުވި ފަރާތުގެ ކުށް ފޮރުއްވައިދެއްވަނީވެސް ހަމަ މާތްﷲ އެވެ. އެހެންކަމުން، ޝަރީޢަތް ތަންފީޒުކުރުމުގައި ބޮޑަށް ބުރަވާންޖެހޭނީ އިލާޙީ ޙަޟްރަތުން ދެއްވި ރަޙުމަތަށެވެ.

ނަމަވެސް، މީހަކު މެރުމުގެ ކުށް ހިމެނެނީ ޤިޞާޞްގެ ތެރޭގައެވެ. މި ހާލަތުގައި މުޅި އުސޫލު ބަދަލުވެގެންދެއެވެ. ސަބަބަކީ އިންސާނެއްގެ ފުރާނަ ގެއްލިފައިވުމެވެ. މިތަނުގައި އަނިޔާ ލިބުނު ފަރާތެއް ނުވަތަ މަޒްލޫމެއް އެބަހުއްޓެވެ. އޭނާގެ ވާރިސުން އެބަތިއްބެވެ. މިއީ ”ޙުޤޫޤުލް ޢިބާދު“ ނުވަތަ އަޅުތަކުންގެ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިއީ އަނިޔާލިބުނު ފަރާތުގެ އާއިލާއަށް ލިބިގެންވާ ޙައްޤަކަށް ވާއިރު، ދައުލަތުގެ އިޚްތިޔާރުން މި ޙައްޤު ދޫކޮށެއް ނުލެވޭނެއެވެ.

ކީރިތި ޤުރުއާނުގައި ވަރަށް ސަރީޙަކޮށް ބަޔާންކުރައްވާފައިވެއެވެ: ”އަދި ޤިޞާޞް ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ އަހުލުވެރިންނޭވެ! (އެއީ) ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ.“ (އަލްބަޤަރާ: 179). ޤާތިލަކު ހޯދައި އޭނާއަށް އަދަބު ދިނުމަކީ އިސްލާމީ ޝަރީޢަތުގެ ރޫޙާ ޚިލާފު ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ހަމަ ޝަރީޢަތުގެ އަސްލު ރޫޙެވެ. ސަބަބަކީ ޝަރީޢަތުގެ މަތިވެރި ފަސް މަޤްޞަދުގެ ތެރެއިން އެންމެ ފުރަތަމަ އަދި އެންމެ މުހިންމު މަޤްޞަދަކީ ”ނަފްސު“ ނުވަތަ އިންސާނީ ފުރާނަ ހިމާޔަތްކުރުން ކަމުގައިވާތީއެވެ.

އިސްލާމީ ޖިނާއީ ޢަދުލުގެ ނިޒާމުގައި ”ޙުޤޫޤުﷲ“ (ﷲގެ ޙައްޤުތައް) އަދި ”ޙުޤޫޤުލް ޢިބާދު“ (އަޅުތަކުންގެ ޙައްޤުތައް) މި ދެބައިގެ ދެމެދުގައިވާ ފަރަޤުކުރެއެވެ. ހަމައެކަނި ﷲގެ ޙައްޤަކާ ގުޅުންހުރި ކަމެއްނަމަ، އެކަމުގައި އިސްކަންދެވެނީ ކުށް ފޮރުވައިދިނުމާއި އޯގާވެރިކަން އިސްކުރުމުގެ އިލާހީ އުސޫލަށެވެ. ނަމަވެސް، މީހަކު މެރުމާއި، އަނިޔާކުރުމާއި ނުވަތަ ފޭރުން ފަދަ ކަމަކުން އިންސާނެއްގެ ޙައްޤަކަށް އަރައިގަނެފިނަމަ، އެމީހަކަށް ނުވަތަ އެމީހެއްގެ ވާރިސުންނަށް ޝަރުޢީ ގޮތުން ލިބިދޭންޖެހޭ ޙައްޤު ހޯދައިދިނުމަކީ ޤާނޫނީ ގޮތުން މަޖުބޫރު ކަމެކެވެ. ގާތިލަކު ހޯދުމުގައި އިހުމާލުވުމަށްފަހު، އެއީ ”ސިތުރު“ ކުރުން ނުވަތަ ކުށް ފޮރުވުމުގެ އުސޫލުގެ ތެރެއިން ކުރި ކަމެއް ކަމަށް ބުނެ ދައުލަތަކަށް އުޒުރެއް ނުދެއްކޭނެއެވެ. މިފަދަ ހާލަތެއްގައި ކުށް ފޮރުވުމަކީ އޯގާވެރިކަމެއް ނޫނެވެ. އެއީ ކުށްވެރިޔާއަށް އެހީތެރިވެ، ކުށުގައި ބައިވެރިވުމެވެ.

މި ދެކަމުގައި ފުށުއެރުންތަކެއް ނުވެއެވެ. މި ދެކަންތައްވެސް އުފެދިފައިވަނީ ”މަޤާޞިދުއް ޝަރީޢާ“ ނުވަތަ ޝަރީޢަތުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ އެއް ބަޔަކުންނެވެ. އެއީ އިންސާނީ ނަފްސާއި އަބުރު ހިމާޔަތްކުރުމެވެ. ޒިނޭގެ މައްސަލަތަކުގައި އިންސާނާގެ ކަރާމާތް ހިމާޔަތްކުރުމުގެ މާނައަކީ، އެކަށީގެންވާ ވަރުގަދަ ހެކި ނެތް ހާލަތްތަކުގައި މީހުންގެ އަބުރު ޙިމާޔަތްކުރުމަށް އިސްކަންދިނުމެވެ. އަދި މީހަކު މެރުމުގެ މައްސަލަތަކުގައި ފުރާނަ ހިމާޔަތްކުރުމުގެ މާނައަކީ، ގާތިލު ހޯދައި އޭނާ ޒިންމާދާރުކުރުވުމެވެ، އެހެނީ މިޙާލަތުގައި އެވަނީ ﷲ ކަނޑައެޅުއްވި އިން ފަހަނައަޅައި ގޮސް، އަނެކާގެ ޙައްޤަކަށް އަރައިގަނެ، ނިގުޅައިގަނެފައެވެ.

ކާމިޔާބީއަކީ ކޮބައި ހެއްޔެވެ؟

މިއީ ދެ ނިޒާމުގެ މެދުގައިވާ އެންމެ ބޮޑު ތަފާތެވެ. ސެކިއުލާ ނިޒާމު ކާމިޔާބުވަނީ ކުށް ސާބިތުކުރެވުމުންނެވެ. އިސްލާމީ ނިޒާމު ކާމިޔާބުވަނީ އަދަބު ދޭން ނުޖެހުމުންނެވެ. ޙައްދުތަކަކީ ނަފްސަށް ބިރުދައްކާ އެއްޗަކަށް ވާތީއާއި، އިޖުތިމާޢީ ޙާލަތްތައް ރަނގަޅުވުމުގެ ސަބަބުންނާއި، ތައުބާވުމުގެ ދޮރު ހުޅުވިފައި އޮތުމުންނެވެ. އެއީ ނިޒާމުގެ ކާމިޔާބީއެވެ. ފުރިހަމަކަމެވެ.

ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި، ޙައްދު އަދަބުތައް ކަނޑައެޅިފައިވަނީ ކުށްކުރުން ހުއްޓުވާ ބާރެއްގެ ގޮތުގައެވެ. އޭގެ ބާރު އޮތީ އެ އަދަބު ގިނަގިނައިން ދިނުމަކު ނޫނެވެ، އޭގެ ބަދަލުގައި އެފަދަ އަދަބެއް އޮތްކަން އެނގުމުގައެވެ. ޝަރީޢަތަކީ އަޚްލާޤީ ގޮތުން މީހުން ބިނާކުރާ އެއްޗެކެވެ. އެ ނިޒާމުގެ ކާމިޔާބީ މިނަނީ ޖަލަށްލާ މީހުންގެ އަދަދަކުން ނޫނެވެ، ނަމަވެސް މުޖުތަމަޢުގެ އަޚްލާޤީ ބަދަލުންނެވެ. މި ނިޒާމަކީ އޭގެ މަޤްޞަދުތަކާ ފުރިހަމައަށް ގުޅިލާމެހިފައިވާ ނިޒާމެކެވެ.

މި ހުރިހާ ބަހާތަކަކަށް އެކުގައި ނަޒަރު ހިންގާލުމުން އެންމެ ބޮޑަށް ފާހަގަކުރެވެނީ، މިކަންކަމުގެ މެދުގައިވާ ފުރިހަމަ ގުޅުމެވެ. ފާޙިޝް ކަންކަމާއި އޭގެ ވާހަކަ ފެތުރުން ނަހީކުރެއްވުމާއި، މީސްތަކުންގެ ކުށްތައް ފޮރުވައިދިނުމަށް މާތް ނަބިއްޔާ ބާރުއެޅުއްވުމާއި، މުސްލިމް އަޚެއްގެ ކުށް ފަޟީޙަތް ނުކުރުމަށް ދެއްވާފައިވާ އިންޒާރާއި، ޙައްދުގެ ކުށްތައް ސާބިތުކުރުމަށް އޮންނަ ހަރުކަށި މިންގަނޑުތަކާއި، ދަޢުވާކުރާ ފަރާތުން ހެކިދައްކަންޖެހުމާއި، ޝައްކުގެ މައްޗަށް ބިނާކޮށް އޯގާވެރިކަން އިސްކުރުމުގެ އުސޫލާއި، އިޖުތިމާޢީ އަދާލަތު ގެއްލިފައިވާ ހާލަތްތަކުގައި އުގޫބާތް ތަންފީޒުކުރުން ފަސްކުރުމާއި، އަދި ގާތިލަކު ހޯދައި އޭނާއަށް އަދަބު ދިނުމަކީ ދައުލަތުގެ މައްޗަށް އޮތް ވާޖިބެއް ކަމުގައި ކަނޑައެޅުން؛ މިއީ ސިޔާސީ ނުފޫޒުތަކެއްގެ ސަބަބުން އެކި ގޮތްގޮތުން އެއްކުރެވިފައިވާ ވަކިވަކި ގަވާއިދުތަކެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ ޝަރީޢަތުގެ މަތިވެރި މަޤްޞަދުތައް (މަޤާޞިދުއް ޝަރީޢާ) ޙާޞިލުކުރުމަށްޓަކައި އެކަތި އަނެކައްޗާ ގުޅިފައިވާ، އެއް އަމާޒަކަށް މަސައްކަތްކުރާ ފުރިހަމަ ބިނާއެކެވެ.

އިންސާނީ ފުރާނަ ހިމާޔަތްކުރުމަށްޓަކައި، ދައުލަތުން ގާތިލު ހޯދަންޖެހެއެވެ. އަދި ބޮޑު ތަދެއްގެ ދުވަސްވަރު ވައްކަންކުރާ މީހާގެ އުގޫބާތް ތަންފީޒުކުރުން ހުއްޓާލައެވެ. އަބުރު ހިމާޔަތްކުރުމަށްޓަކައި، އަމިއްލަ އަޚުލާޤީ ނުކުޅެދުންތެރިކަން ފަޟީޙަތްކުރުމުގެ ބަދަލުގައި ފޮރުވައިދިނުމަށް ޝަރީޢަތް ބާރުއަޅުއްވައެވެ. ބުއްދި ހިމާޔަތްކުރުމަށްޓަކައި، ހަމައެކަނި އަޑުއިވޭ ވާހަކަތަކަކަށް ނުވަތަ އެކަށީގެންވާ ހެކި ނެތް ތުހުމަތުތަކެއްގެ މައްޗަށް ފިޔަވަޅު އެޅުމަށް އިންކާރުކުރެއެވެ. ނަސްލާއި ޢަބުރު ހިމާޔަތްކުރުމަށްޓަކައި، ހަތަރު ހެކިންގެ މިންގަނޑު ކަނޑައަޅައި، ޒިނޭގެ ދަޢުވާ ސާބިތުކުރުމަކީ ގާތްގަނޑަކަށް ނުވާނެ ކަމެއްގެ ގޮތުގައި ހަމަޖައްސައެވެ. ކޮންމެ ގަވާއިދެއްވެސް މިސްރާބު ހުރީ އެއް ދިމާލަކަށެވެ. އެއީ ޝަރީޢަތުގެ މަޤުޞަދުތައް ހިމާޔަތްކުރުމާއި، މުޖުތަމަޢުގެ ބަދަހިކަން ދެމެހެއްޓުމާއި، އަދި ގާނޫނުގެ އަތް ނުފޯރާ ފަދަ ކަންކަން މާތްﷲ އަށް ދޫކޮށްލުމެވެ.

ސެކިއުލާ ނިޒާމުތަކުގެ ގަވާއިދުތައް އެކުލަވާލެވިފައިވަނީ ތަފާތު ތިއަރީތަކާއި، ފަލްސަފާތަކާއި ސިޔާސީ ފިއްތުންތަކުގެ މައްޗަށް ކަމަށްވާތީ، އޭގެ ތެރޭގައި އެކި ފުށުއެރުންތައް އަބަދުވެސް ފެންނަން ހުރެއެވެ. ނަމަވެސް އިސްލާމީ ޝަރީޢަތުގެ އަސްލު ބިނާވެފައިވަނީ އެއް މަޞްދަރަކުން އައިސްފައިވާ، އެއް މަޤްޞަދެއް ޙާޞިލުކުރުމަށް އޮތް ނިޒާމެއްގެ މައްޗަށެވެ. އެހެންކަމުން، އޭގައިވާ ފުރިހަމަ އެއްގޮތްކަމާއި ހަމަޖެހުމަކީ އިއްތިފާޤެއް ނޫނެވެ. އެއީ އެ ޝަރީޢަތަކީ އިންސާނީ ބުއްދިއަށްވުރެ މަތިވެރި، އިލާހީ މަޞްދަރަކުން އައިސްފައިވާ އެއްޗެއްކަމުގެ ހެއްކެކެވެ.

ފަސޭހައިން ކުށް ސާބިތުކޮށް، އަގުހެޔޮކޮށް މީހުން ޖަލަށްލާ ނިޒާމަކަށްވުރެ، ހަރުކަށި އަދަބުތަކެއް އޮވެމެ، އެ ޙައްޤުތައް ކަށަވަރުކޮށް ހިމާޔަތްކުރާ ހަރުދަނާ އުޞޫލުތަކެއް އޮންނަ ނިޒާމެއް މާބޮޑަށްވެސް ޢަދުލުވެރިވާނެއެވެ. ސެކިއުލާ ދުނިޔެއިން ވަނީ ކުށްވެރިން އިތުރުކުރާ ޖަލުތަކެއް ބިނާކޮށް، އެއީ ޢަދުލުއިންޞާފު ކަމަށް ނަންދީފައެވެ. ޖަލު ހިންގުމަކީ ފައިދާބޮޑު ވިޔަފާރިއަކަށް ހަދާފައެވެ. އިސްލާމީ ތާރީޚާއި ފިޤުހީ އުޞޫލުތައް ބިނާވެފައިވަނީ އެފަދަ ޖަލުތަކަކީ ކޮންމެހެން ބޭނުންތެރި ތަންތަނަށް ނުހެދުމުގެ މައްޗަށެވެ. އަދި އެއީ މާ މަތިވެރި ރަޙުމެއް ކަމުގައި އެ ނިޒާމު ދެކެއެވެ.

ލިޔުނީ: أبو عبد الله المالديفي

ޚަބަރު ސްޕޮންސަރ ކުރެއްވުމަށް 7252999 ގުޅާލައްވާ!

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް