ޕާކިސްތާނުގެ ހުޅަނގުއުތުރުން ބައްނޫ ސިޓީގައި ޕޮލިސް ސްޓޭޝަނަކަށް އަމާޒުކޮށް ކާރެއްގައި ޖާނުން ފިދާވުމުގެ ހަމަލާއެއްދިނުމުގެ ސަބަބުން 15 ފުލުހުން މަރުވެފައިވާ ކަމަށް ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
މިހަމަލާގައި އެ ޕޮލިސް ސްޓޭޝަން ބިމާއި ހަމަވެފައިވާއިރު އޭގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ދަނީ އިދާރާތަކުން އަދިވެސް ކުރަމުންނެވެ. އަދި އެތަނުގެ ދަށުން ސަލާމަތްކުރެވިފައިވާ 3 ފުލުހުން ވަނީ އިތުރު ފަރުވާ ދިނުމަށްޓަކާ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މިހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާޢަތަކުން ނަގާފައި ނުވާއިރު، ހަމަލާގައި ގެއްލުން ލިބުނު ފުލުހުންގެ އާއިލާތަކުން ދަނީ އެސަރަހައްދުގައި ނުރުހުން ފާޅުކުރަމުންނެވެ.












