ހާރިޖީ ގުޅުންތަކާ ގުޅޭގޮތުން ދައްކާ ވާހަކަތަކަކީ ހަގީގަތުގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކަކަށް ވާންޖެހޭ ކަމަށް ފޮރިންގ މިނިސްޓްރީން ބުނެފިއެވެ.
ފޮރިންގ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ގައުމީ ސިޔާދަތު ރައްކާތެރިކުރުމާއި، ގައުމީ މަސްލަހަތު އިސްކުރުމާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ މައްޗަށް ބިނާވެފައިވާ ”މޯލްޑިވްސް ފަސްޓް“ ސިޔާސަތަކީ ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތު ކަމަށެވެ. މި ސިޔާސަތަކީ ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރާ، ޒިންމާދާރު އަދި މިނިވަން ސިޔާސަތެއްކަން ފާހަގަކުރަމުން އެ މިނިސްޓްރީން ބުނެފައިވަނީ، ދޭދޭ ގައުމުތަކާއި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ބިނާކުރަނިވި ގުޅުމެއް ބޭއްވުމަށް ސަރުކާރުން ދޭ އަހަންމިއްޔަތު މި ސިޔާސަތުން ހާމަކޮށްދޭ ކަމަށެވެ.
”މިނިވަން މުސްތަގިއްލު ދައުލަތެއްގެ ހައިސިއްޔަތުން، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށް ކުރިއަށް ގެންދަނީ ގައުމީ މަސްލަހަތުގެ މައްޗަށް ބިނާވެފައިވާ، ކަނޑައެޅިފައިވާ ނިޒާމުތަކުގެ ތެރެއިން، މިގޮތުން ރާއްޖޭގެ ތަރައްގީގެ ބައިވެރިންނާއެކު އޮންނަ ޒަމާންވީ ގުޅުންތަކަށާއި، އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި ދެ ފަރާތުގެ މަސްލަހަތުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއް، ހުރިހާ ޤަގައުމުތަކާއެކު ބޭއްވުމަށް ދިވެހިރާއްޖެއިން ނުހަނު ބޮޑު އިސްކަމެއްދޭ، އަދި، ސަރަހައްދީ ސުލްހަ މަސަލަސްކަމާއި، ކަނޑުގެ ސަލާމަތާއި، ދެމެހެއްޓެނިވި ތަރައްގީ ފަދަ ކަންކަމުގައި، ގައުމުތަކާއި ޖަމުއިއްޔާތަކާއެކު އޮންނަ އެއްބާރުލުން ހަމަހަމަ އަދި ބިނާކުރަނިވި ގޮތެއްގައި ވަރުގަދަކުރުމަށް ސަރުކާރުން ދެމިއޮންނާނެ،“ – ފޮރިންގ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ހާރިޖީ ސިޔާސަތާއި، ސަރަހައްދީ ސަލާމަތާއި، ބައިނަލްއަގުވާމީ ގުޅުންތަކާ ގުޅޭގޮތުން، ހާއްސަކޮށް ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ފާޅުކުރައްވާ ހިޔާލުތަކަކީ އޭގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެ ކަމެއްކަން ފާހަގަކުރަމުން ފޮރިންގ މިނިސްޓްރީން ބުނެފައިވަނީ، މިފަދަ ވާހަކަތަކަކީ ހަގީގަތުގެ މައްޗަށް ބިނާވެފައިވާ، ގައުމީ އެއްބައިވަންތަކަމަށާއި ރާއްޖޭގެ މުވައްސަސާތަކަށް އޮންނަ އިތުބާރު ބޮޑުކުރުމަށް ބާރުއަޅާ ވާހަކަތަކަކަށް ވާންޖެހޭ ކަމަށެވެ.
މީގެ އިތުރުން ގައުމީ މަސްލަހަތާއި ބޭރު ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް އަސަރުކުރާ ފަދަ ކަންކަމުގައި ވާހަކަދައްކާއިރު، ނުހަނު ބޮޑަށް ސަމާލުވެ، ހިކުމަތްތެރިކަން އިސްކުރުމުގެ މުހިންމު ކަމަށް މިނިސްޓްރީން ވަނީ އަލިއަޅުވާލައިފައެވެ.
ދޭދޭ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމުއިއްޔާތަކާއެކު އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމަށާއި، ރާއްޖޭގެ ސިޔާދަތާއި، ކަރާމާތާއި، ދިގު މުއްދަތުގެ މަސްލަހަތުތައް ރަމްޒުކޮށްދޭ ހާރިޖީ ސިޔާސަތެއް ކުރިއެރުވުމުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ފޮރިންގ މިނިސްޓްރީން ވަނީ ދީފައެވެ.











