ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ ރަށުން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ށ. މިލަންދޫ / ނަފާ، އަޙްމަދު ނާޞިރު (49އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ މެއި މަހުގެ 7 ވަނަ ދުވަހު މިލަންދޫ ބަނދަރު ސަރަހައްދުންނެވެ.
ފުލުހުން ބުނި ގޮތުގައި، އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ކޮތަޅު ވަނީ ފެނިފައެވެ. މި ތަކެތި ފެނިފައިވަނީ އޭނާ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
އަޙްމަދު ނާޞިރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.












