ކުޑަކުދިންނަށް ހަގީގީ ލޯބިދިނުމަކީ އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، ކުޑަކުދިންގެ ދުވަހާއި ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ތަހުނިޔާގެ މެސެޖެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، ހެދިބޮޑުވަމުން އަންނަ ވަރަކަށް، އުމުރާގުޅޭ ތައުލީމާއި ތަރުބިއްޔަތު ކުޑަކުދިންނަށް ދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަން ޖެހޭ ގައުމީ ޒިންމާއެއް ކަމަށެވެ.
ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ލޮބުވެތި ދިވެހި ކުޑަކުދިންނަށާއި ޢާއިލާތަކަށް ނުހަނު ލޯތްބާައެކު އަރިސްކުރަން.
ހެދިބޮޑުވަމުން އަންނަ ވަރަކަށް، އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ކުޑަކުދިންނަށް ދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަން… pic.twitter.com/Y9PltjfBcy
— Dr Mohamed Muizzu (@MMuizzu) May 10, 2026
ކުޑަކުދިންނަށް ހަގީގީ ލޯބިދިނުމަކީ، އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކުޑަކުދިންނަކީ ޒިންމާދާރު ބަޔެއްގެ ގޮތުގައި މާދަމާ އުޅެވޭނެފަދަ ގާބިލްކަން އެ ކުދިންނަށް ހޯދައިދޭންޖެހޭ ކަމަށެވެ. މީގެ އިތުރުން އެއްވެސް ކުޑަކުއްޖެއްގެ މައުސޫމް ދިރިއުޅުމަށް ބުރޫއަރާނެ ބަހަކަށް އަދި އަމަލަކަށްވެސް ޖާގަދެވިގެން ނުވާނެ ކަމަށް ރައީސް ވަނީ އިތުރަށް ވިދާޅުވެފައެވެ.
ރައީސްގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ވަނީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފައެވެ.
ކުޑަކުދިންގެ ދުވަހާއި ގުޅިގެން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި އެކަމަނާ ވިދާޅުވީ، ހެޔޮލަފާ ދަރިންތަކެއް ހެދި ބޮޑުވަމުންދާ ގައުމެއްގެ މުސްތަގްބަލާމެދު މާޔޫސްކަމެއް ނެތް ކަމަށެވެ. މީގެ އިތުރުން ކުޑަކުދިންނަށް އަޅަައިލާ، އޯގާތެރިކަމާއެކު ހިމާޔަތްދެމުން ދާހައި ހިނދަކު ކުރިމަގަށް ކުރާ އުންމީދު ދާނީ ހަގީގަތަކަށްވަމުން ކަަމަށް މެޑަމް ސާޖިދާ ވަނީ އިތުރަށް ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގައި ގައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ 10 ވަނަ ދުވަހުއެވެ.













