ސިފައިންގެ ފެމިލީ އެސޯސިއޭޝަން (ސިފަމާ) އިން އިސްނަގައިގެން ބޭއްވި ”ސިފަމާ ފަން ރަން 2026“ ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
ޤައުމީ ކުޑަކުދިންގެ ދުވަހާއި މަންމައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި ދުވުމުގެ ހަރަކާތްތައް އޮތީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. މި ދުވުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ހިތްވަރު ދިނުމާއި އާއިލީ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި އަހަރުގެ ދުވުމާ ގުޅޭގޮތުން އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި، މީގެ ކުރިން މި ދުވުން ބާއްވަމުން އައީ ހަމައެކަނި ސިފައިންގެ އާއިލާތަކަށް އަމާޒުކޮށްގެންނެވެ. ނަމަވެސް، މިދިޔަ އަހަރުގެ ދުވުމަށް ލިބުނު ބޮޑު ތަރުހީބަށް ބަލައި، މިއަހަރުގެ ރަން ވަނީ އާންމުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައެވެ. އެގޮތުން މިދިޔަ އަހަރު 400 މީހުން ބައިވެރިވި މި ދުވުމުގައި، މިއަހަރު 1050 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާކަން އެމްއެންޑީއެފްއިން ފާހަގަކުރިއެވެ.
މި އިވެންޓްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަތުމަކީ އެ ޖަމިއްޔާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި އެމްއެންޑީއެފްއިން ސިފަކުރެއެވެ. ”ސިފަމާ ފަން ރަން 2026“ ގެ ހަރަކާތްތައް ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާއިރު، މިއަދު ހެނދުނު ބާއްވާފައިވަނީ 10 ކިލޯމީޓަރުގެ ދުވުމެވެ. އަދި ހަވީރުގެ ވަގުތުގައި ވަނީ 5 ކިލޯމީޓަރުގެ ދުވުން ބާއްވާފައެވެ.
ސިފަމާއަކީ ދިވެހި ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، އިޖުތިމާއީ ގޮތުން މުހިންމު މަގުސަދުތަކެއް ހާސިލުކުރުމަށް ސަރުކާރުގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމިއްޔާއެކެވެ. މި ޖަމިއްޔާއިން ދަނީ ސިފައިންގެ އާއިލާތަކުގެ ފައިދާއަށާއި، ދިވެހި އަސްކަރިއްޔާގެ އެކުވެރިކަން ދެމެހެއްޓުމަށް ގިނަގުނަ ހަރަކާތްތަކެއް ހިންގަމުންނެވެ.









