ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން، މިއަދު މާލޭގައި ކުރިއަށް ގެންދިޔަ ބޮޑު އޮޕަރޭޝަނެއްގައި 254 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިއަދު ހަވީރު 16:00 އިން 18:00 އަށް ކުރިއަށް ގެންދިޔަ މި ހާއްސަ އޮޕަރޭޝަނަކީ މާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅޭ ތަންތަނާއި އެމީހުން ކުރަމުންދާ ވިޔަފާރިތައް ބަލައި ފާސްކުރުމަށް ހިންގި ހަރަކާތެކެވެ. އެކި ގްރޫޕް ތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި މާލޭގެ ޖުމްލަ 639 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ.
މި އޮޕަރޭޝަންގެ ތެރެއިން ޖުމްލަ 1344 ބިދޭސީންގެ ލިޔެކިޔުންތައް ޗެކްކޮށްފައިވާއިރު، މީގެ ތެރެއިން ވިސާ ފުރިހަމަ ނޫން 254 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މީގެއިތުރުން، ގަވާއިދާ ޚިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވި 44 ދިވެހިން ފާހަގަކުރެވި، އެ ފަރާތްތަކަށް ވަނީ އިމިގްރޭޝަނުން ރަސްމީކޮށް ނޯޓިސް ދީފައެވެ. އަދި ދެވުނު ނޯޓިސްއާއި އެއްގޮތަށް އަމަލު ނުކޮށްފިނަމަ، އެ ފަރާތްތަކާ މެދު އިމިގްރޭޝަން ޤާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ މުއައްސަސާއިން ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަވަސް މުއްދަތެއްގެ ތެރޭގައި ހައްލުކުރުމަށެވެ. މި މަސައްކަތުގެ ދަށުން މާލެއާއި އަތޮޅުތެރޭގައި ވެސް އިމިގްރޭޝަނުން ދަނީ ސިލްސިލާކޮށް މިފަދަ އޮޕަރޭޝަންތައް ހިންގަމުންނެވެ.












