ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލުން ރަށުގެ ތަރައްޤީއަށް ކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ހިއްސާކުރައްވައިފިއެވެ.

ރައީސް، ފިނޭ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައި ވަނީ މިއަދު ހެނދުނު ހަނިމާދޫ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސް އާ ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ ސްކޫލުގެ ޖާގައިގެ ދަތިކަމާއި ފިނޭ ބަނދަރުގެ މަސައްކަތް މި އަހަރު ތެރޭގައި ފައްޓަވައިދެއްވުމަށާއި ޒަމާނީ މިސްކިތެއް ބޭނުންވާ ކަމަށާއި ޒުވާނުންނަށްޓަކައި ކުޅިވަރުގެ ދާއިރާ ރަށުގައި ތަރައްޤީ ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރަށުގެ އިޖުތިމާޢީ ކަންކަން ކުރިއެރުވުމަށް ބޭނުންވާ ކަންކަމާއި ފަތުރުވެރިކަމުގެ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާ ރަށުގައި ހަރުދަނާ ކުރުމަށް ބޭނުންވާ ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ފިނޭގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ މޫދަށް އެރި ކަސްރަތު ކުރެވޭނެ ސަރަޙައްދެއް ތަރައްޤީ ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެވެން ހުރި ގޮތްތައް ބަލައި، އެ ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.