ނޭވާލުމަކީ އާންމުގޮތެއްގައި ފަސޭހަކަމާއެކު ކުރެވޭ ކަމަކަށްވީނަމަވެސް، ނޭވާހިއްލުމުގެ ބަލި ތަހައްމަލްކުރާ ފަރާތްތަކުން އެއީ ކޮންމެ ދުވަހަކު ކުރަންޖެހޭ ބޮޑު ހަނގުރާމައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މި މޭރުމުން ވިދާޅުވީ ”ވޯލްޑް އެސްތްމާ ޑޭ 2026“ ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ސިމްޕޯސިއަމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ދުނިޔޭގެ ނިސްބަތުން 260 މިލިއަނަށްވުރެ ގިނަ މީހުން ނޭވާހިއްލުމުގެ އުނދަގޫ ތަހައްމަލުކުރަމުންދާކަން ފާހަގަކުރައްވަމުން އެކަމަނާ ވަނީ ރާއްޖޭގައި ވެސް މި ބަލި ތަހައްމަލްކުރަމުންދާ ފަރާތްތައް އިތުރުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ކުޑަކުދިންގެ މެދުގައި ނޭވާހިއްލުމުގެ ބަލި ވަރަށް އާންމު ކަމަށާއި، ބަލީގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ މިންވަރު ވެސް އިތުރުވެފައިވާ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.
މީގެ އިތުރުން އެސްތްމާ އެޓޭކެއް ޖެހިދާނެކަމުގެ ބިރަށް މި ބަލި ތަހައްމަލްކުރަމުންދާ ގިނަ ކުދިން ކުޅިވަރާއި ހަރަކާތްތަކުން ދުރުވާން މަޖުބޫރުވެފައިވާކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ، އެއްވެސް ކުއްޖަކީ އެ ކުއްޖެއްގެ ބަލީގެ ސަބަބުން މިނިވަންކަން ގެއްލި ބަންދުވެފައިވާ ކުއްޖަކަށް ވެގެންނުވާނެ ކަމަށެވެ.
މެޑަމް ސާޖިދާ ވަނީ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ނޭވާލާ ނިޒާމަށް ދިމާވާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން ވައި ނުސާފުވުމާއި މޫސުމަށް އަންނަ ބަދަލުތަކަކީ ނޭވާހިއްލުން ފަދަ ބަލިތައް އިތުރުވުމަށް ދިމާވާ މައިގަނޑު ސަބަބުތައް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވެސް ފާހަގަކޮށްފައިވާކަން އެކަމަނާ ވަނީ ވިދާޅުވެފައެވެ.
ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން މިފަދަ ބަލިތައް ރާއްޖޭގައި ވެސް އިތުރުވަމުން އަންނަކަން ފާހަގަކުރައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، މިއަދު ފެށި ސިމްޕޯސިއަމަކީ މިފަދަ ބަލިތަކުން ސަލާމަތްވުމަށް މުޖުތަމައު ހޭލުންތެރިކުރުވުމަށާއި، ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.











