ވަށަފަރު ބިން ހިއްކުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ވަށަފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވެފައި ވަނީ ކޮންމެ ރަށެއްގެ ޞިއްޙީ މަރުކަޒުތަކުގައި އެ ރަށެއްގެ ނިސްބަތުން ލެބޯޓްރީ ޚިދުމަތް ގާއިމުކުރުމަކީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދެއް ކަމަށެވެ. އެގޮތުން އެކަން އެގޮތަށް ވަށަފަރުގައިވެސް ކުރިއަށް ދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ، އެ ރަށުގައި ކުނި މެނޭޖްކުރާނެ މަރުކަޒެއް ގާއިމުކުރުމަށް ސަމާލުކަން ދެއްވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވަށަފަރަށް ކޮށްދޭން އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އަދި ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.