ސަރުކާރުން ކުރާ ހުރިހާ ކަމެއްގައި ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އެ ރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދެއްވައިފިއެވެ.
ރައީސް، ވަށަފަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައި ވަނީ މިއަދު އެ ރަށު ސްކޫލުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ރައީސް އާ ހިއްސާކުރައްވާފައެވެ. ހަމައެއާއެކު، މި ސަރުކާރުން ރައްޔިތުންނާ ވަރަށް ގާތް ކަމެއް ބާއްވާކަން ކައުންސިލުން ޝުކުރުވެރިކަމާ އެކު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން ކުރާ ހުރިހާ ކަމެއްގައި އެ ރަށުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ކައުންސިލުގެ ފަރާތުން ދެއްވިއެވެ.
ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ރައީސް ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާކަން ފާހަގަކުރައްވައި، މި ސަރުކާރުން ކުރަން ނިންމާ ކަންކަން ކުރާނެ ކަމުގެ ޔަގީންކަން އޮތް ކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ ފުރިހަމަ ތާއީދާ އެކު ކަންކަން ކާމިޔާބު ކުރަން ފަސޭހަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ކައުންސިލް ބައްދަލުވުމުގެ ކުރިން ކުރިއަށް ދިޔަ ރައްޔިތުންގެ ބައްދަލުވުމުގައި ފާހަގަކުރެއްވި ކަންކަން ހާސިލުކުރަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.