އިންޑިއަން އޯޝަން ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންޑިއާއަށް ދެ ދުވަހުގެ ދަތުރެއްގައި ފުރާވަޑައިގެންފިއެވެ.
ނަޝީދުގެ މި ދަތުރާއި ގުޅިގެން އެމަނިކުފާނުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މި މަހުގެ އަށްވަނަ ދުވަހާއި ހަމައަށް، އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަނުން ރާވައި، އިންތިޒާމުކުރާ 10 ވަނަ އިންޑިއަން އޯޝަން ޑައިލޮގް (އައިއޯޑީ) ގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ނިއު ދިއްލީއަށް ނަޝީދު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
10 vana Indian Ocean Diaolgue (IOD) gai baiverivumah miadhu alhugandu mi furanee New Delhi, India ah.
Emburi Raajje annaanee May 9 ga.
Miee Dhivehi Raajje ah inthihaa ah muhinmu mashvaraathakeh hingeyne platform eh. E masahkaiy alhugandu baarah hingaanan. pic.twitter.com/tvpy7m8d6w
— Mohamed Nasheed (@MohamedNasheed) May 6, 2026
މި ބައްދަލުވުމުގައި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި، ނޫ އިގުތިސާދާއި، ޑިޒާސްޓަރ ރިސްކް މެނޭޖްމަންޓާއި، އިންވެސްޓްމަންޓާއި އިގުތިސާދީ ހަރަކާތްތެރިކަމާއި، ސައިންސާއި ޓެކޮނޮލޮޖީ އަދި އަންހެނުން ބާރުވެރިކުރުވުމުގެ ރޮނގުން މަޝްވަރާ ކުރާނެކަމަށް ނަޝީދުގެ އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.
މީގެ އިތުރުން ޑިޒާސްޓަރ މެނޭޖްމަންޓްގެ ދާއިރާއިން ޑިޒާސްޓަރ މެނޭޖްމަންޓްގެ މައުލޫއުގައި ނަޝީދު ވާހަކަދައްކަވާނެކަން ފާހަގަކުރަމުން އެ އޮފީހުން ބުނެފައިވަނީ، މި މައުލޫއުގައި، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދިވެހިރާއްޖެއަށް އަދާކުރެވެން އޮތް މުހިއްމު ދައުރާއި، ކަންފަހިކުރެވެން ހުރި އިގުތިސާދާއި ވިޔަފާރީގެ ފުރުސަތުތަކުގެ މައްޗަށް ނަޝީދު ވާހަކަދައްކަވާނެ ކަމަށެވެ.
ނަޝީދުގެ މި ދަތުރުގައި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނާއެކު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ދަތުރު ނިންމަވާލެއްވުމަށްފަހު ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ ނުވަވަނަ ދުވަހުއެވެ.












