ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލުން ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާ ހިއްސާކުރައްވައިފިއެވެ.

ރައީސް، މޮޅަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައި ވަނީ މިރޭ އިހަވަންދޫ ސްކޫލުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ މިހާރު ފަށާފައި ހުރި މަޝްރޫޢުތަކަށް ގެންނަން ބޭނުންވާ ބައެއް ބަދަލުތައް ހިއްސާކުރައްވާފައެވެ. އަދި ޞިއްޙީ މަރުކަޒަށް ބޭނުންވާ ކަންކަމާއި ރަށުގެ ބަނދަރު ބޮޑުކުރުމަށް ބޭނުންވާ ކަމަށާއި ޒުވާނުންނަށް ބޭނުންވާ ކަންކަމާއި ކުޅިވަރުގެ ދާއިރާއިން ކުރަން ބޭނުންވާ ކަންކަން ކައުންސިލުގެ ފަރާތުން ރައީސް އާ ހާމަކުރެއްވިއެވެ.
މޮޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ބަޖެޓުގެ މައްސަލަ ކުރިމަތިވާކަން ފާހަގަކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވި ގޮތުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އެލަވަންސް ދިނުމަކީ ރައްޔިތުންގެ މަޖިލީހުން ނިންމެވެން އޮންނަ ކަމެއް ކަމަށާއި މަޖިލީހުން އެކަމަށް ކާމިޔާބެއް ހޯދުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައެވެ.
މޮޅަދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ވީހާވެސް އަވަހަށް އަދި ރަނގަޅަށް ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.