ކޮންމެ ސަރުކާރަކަށްވެސް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ގާނޫނީ ފަސް އަހަރުގެ ދައުރު ރީތިގޮތުގައި ފުރިހަމަކުރުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަނާރާ ވިދާޅުވީ، ދިވެހިރާއްޖެ ފަދަ ގައުމުތަކުގެ މުސްތަގުބަލާ މެދު ވިސްނާއިރު، ކޮންމެ ވެރިކަމެއްވެސް އަންނަނީ ފަސް އަހަރުގެ ދައުރަކަށް ކަމަށެވެ. އެހެންކަމުން އެ ފަސް އަހަރުގެ މުއްދަތު ފުރިހަމަކުރަން ފުރުސަތު ދިނުމަކީ، ރައްޔިތުންނަށްޓަކައި އެ ސަރުކާރަކުން ވެފައިވާ ވައުދުތައް ފުއްދުމަށް ވަގުތު ލިބި، ކަންކަން ކުރުމަށް މަގު ތަނަވަސްވެގެންދާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ދާދިފަހުން ނެގުނު ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ދެކެވޭ ތަފާތު ވާހަކަތަކަށް އިޝާރާތް ކުރައްވައި އަނާރާ ވިދާޅުވީ، އެ ވޯޓުގައި ރައްޔިތުންގެ ޝުޢޫރުތައް ފާޅުކޮށްފައިވީ ނަމަވެސް، އޭގެ މާނައަކީ ވެރިކަމަށް ބަދަލެއް އަންނަންޖެހުން ނޫން ކަމަށެވެ.
”މީގެ މާނައެއް ނޫން ވެރިކަމަށް އެއްވެސް ބަދަލެއް އަންނަންޖެހޭކޭ. ވެރިކަން މިއޮތީ ރައްޔިތުން ފަސް އަހަރަށް ހޮވާފައި. ކޮންމެ ވެރިކަމެއްވެސް ފަސް އަހަރަށް ހޮވާއިރު، އެ ވެރިކަން އެ ފަސް އަހަރުގެ މުއްދަތު ރީތި ގޮތުގައި، ވެފައިވާ ވައުދުތައް ފުއްދަން ވަގުތު ވަރަށް ބޮޑަށް ދޭންޖެހޭ،“ އަނާރާ ވިދާޅުވިއެވެ.
މީގެ އިތުރުން އަނާރާ ވިދާޅުވީ، ގައުމުގެ މުސްތަގުބަލާމެދު ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށާއި، ސަރުކާރުން ވައުދުތައް ފުއްދުމަށްޓަކައި އެކަށީގެންވާ ވަގުތު ދިނުމަކީ ގައުމުގެ ހަމަޖެހުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށެވެ.













